ޚަބަރު

މާފުށީ ޖަލުން ކޮވިޑް 19 އަށް ޓެސްޓު ކުރި މީހުން ނެގަޓިވް

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން މާފުށީ ޖަލުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ރޭ ކުރި ޓުވީޓެއްގައި ބުނީ މާފުށީ ޖަލުން ކޮވިޑަށް ތަހުލީލު ކުރުމަށް ނެގުނު 38 ސާމްޕަލް ނެގަޓިވްވިކަން އެޗްޕީއޭއިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ޓެސްޓު ކުރުމަށް ސާމްޕަލް ނެގި މީހުންގެ ތެރޭ ހިމެނެނީ 15 ގައިދީންނާއި 23 އޮފިސަރުން ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ. އަދި ރެންޑަމް ސާމްޕަލް ނެގުމުގައި ބަލާފައިވަނީ ވަކި ޔުނިޓްތަކުގެ ތެރެއިން ނެގޭ ގައިދީންނާއި މުވައްޒަފުންގެ ތެރެއިން އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

މިދިޔަ ހުކުރު ދުވަހު މާފުށީ ޖަލުގައި ރެންޑަމް ސާމްޕަލް ނަގާފައިވަނީ ޖަލުތަކަށް ކޮވިޑް 19ގެ އަސަރު ކޮށްފައިވާ މިންވަރު ދެނެގަތުމަށް ކަމަށް މީގެ ކުރިން ކަރެކްޝަންސް އިން ބުނެފައި ވެއެވެ.