ވޯލްޑް ހެލްތް އޯގަނައިޒޭޝަން

ޑަބްލިއުއެޗްއޯ ގެ އިންޒާރު: ކޮވިޑު އެއްކޮށް ނައްތައެއް ނުލެވޭނެ، ބައްޔާއި އެކީ ދިރިއުޅެން ދަސްކުރަން ޖެހޭ

މިންހާ ފާއިޒް ރަޝާދު

ކޮވިޑު19 އެއްކޮށް ދެން ނައްތައި ނުލެވޭނެ ކަމަށް ބުނެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އިންޒާރުދީފިއެވެ.

ނޫސްވެރިންނަށް ރޭ މައުލޫމާތު ދެމުން ޑަބްލިއުއެޗްއޯގެ އިމަޖެންސީސް ޑިރެކްޓަރު ޑރ. މައިކް ރަޔެން ވިދާޅުވީ ވެކްސިނެއް އުފެއްދި ކަމުގައިވިޔަސް ކޮވިޑުން އެކީ ސަލާމަތް ވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ގިނަ ކަމަށެވެ.

މި ބަލީގައި މިހާރުވެސް ތިން ލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 4.3 މިލިއަނަށްވުރެ ގިނަ މީހުނަށް ވަނީ ބަލި ޖެހިފައެވެ.

"މިވާހަކަތައް ދައްކަން ޖެހޭ. މި ވައިރަސް އަކީ އަހަރުމެންނާ އެކީ އަބަދު އުޅޭނެ އެއްޗަކަށް ވެދާނެ. އަދި އެއްކޮށް ނައްތައިނުލެވިދާނެ" ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯ އޮފީހުން ދިން ޕްރެސް ކޮންފެރެންސްގައި ޑރ ރަޔެން ވިދާޅުވިއެވެ.

"މިސާލަކަށް އެޗްއައިވީ ވެސް ނައްތައެއް ނުލެވޭ. އެކަމަކު އެއާއެކު ދިރިއުޅެން އެނގިފަ މިތިބީ. އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ މި ބަލި އެއްކޮށް ނައްތައިލެވޭނެ ދުވަހެއް އެކަކަށްވެސް ބުނަން އެނގޭނެހެނެއް" އޭނާ އިތުރަށް ވިދާޅުވިއެވެ.

ކޮވިޑް19 ގެ ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 100 އަށް ވުރެ ވެކްސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު ޑރ ރަޔެން ވަނީ މީސެލްސް ކަހަލަ ބަލިތަކަަށް ވެކްސިން އުފައްދާފައިވާއިރު އެބަލިވެސް އެއްކޮށް ނައްތައި ނުލެވޭކަން ފާހަގަކުރައްވައިފަ އެވެ.

ރޭގެ އެބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ ބަލި ނައްތައިނުލެވުނަސް ވަރަށް މަސައްކަތް ކޮށްގެން ބަލި ކޮންޓްރޯލު ކުރެވޭނެކަމަށް ވިދާޅުވެފައެވެ.

"އަހަރުމެން އަތުގަ މި އޮތީ މީގެ ހައްލު. މިއީ އެންމެންގެ ޒިންމާއެއް. އެންމެން އެއްބައިވެގެން ބަލި ކޮންޓްރޯލު ވާނީ" ޓެޑްރޮސް ވިދާޅުވިއެވެ.