ޚަބަރު

ގެއްލުނު ބިދޭސީންގެ ތެރެއިން ފެނުނު އެކަކު ވެންޓިލޭޓަރުގައި

އަލީ ޔާމިން

ކޮވިޑް 19އަށް ޕޮޒިޓިވްވެގެން ހޯދަން ފެށި ހަތް ބިދޭސީންގެ ތެރެއިން ފެނުނު އެކަކަށް މިހާރު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ސާމްޕަލް ނެގުމަށް ފަހު، ނަތީޖާ ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވްވި ހަތް މީހަކު ނުފެނިގެން، އެމީހުން ހޯދުމަށް އެޗްޕީއޭއިން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. އޭގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ ހަތަރު މީހެކެވެ.

މަބްރޫކް ވިދާޅުވީ، ގެއްލުނު މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމެންޓް ސައިޓްތަކުގައި އުޅެމުންދިޔަ މީހުން ކަމަށާއި އަނެއް ތިން މީހުންނަކީ ތަފާތު ތިން އެޑްރެހެއްގައި އުޅެމުންދާ މީހުން ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ފުލުހުންގެ މަސައްކަތުން އަނެއް ތިން މީހުން ނުފެނިއްޖެނަމަ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ފުލުހުން ހޯދި ހަތަރު މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިހާތަނަށް ރާއްޖެއިން 955 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ އިރު، ހަތަރު މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.