އިބްރާހިމް ޒަކީ
ގާނޫނު އަސާސީ އިސްލާހުނުކޮށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" އިން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވައިފިއެވެ
އެ ބިލު ދިރާސާކުރަމުން އަންނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް، އެކޮމިޓީގެ އެދުމުގެ މަތިން ލިޔުމުން ކައުންސެލް ޖެނަރަލް ފޮނުއްވާފައިވާ ލަފާގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ އަށްވަނަ ބާބަށް ބަލާއިރު އިދާރީ ދާއިރާތައް ހިންގަންޖެހޭނީ ލާމަރުކަޒީ އުސޫލުންކަމާއި ލާމަރުކަޒީ އުސޫލުުން އިދާރީ ދާއިރާތައް ހިންގަންވާނީ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ ކައުންސިލްތަކެއް މެދުވެރިކޮށްގެން ކަމަށްވާ އިރު، އެ ދެ އަސާސަކީ އެއްވެސް އިސްތިސްނާއެއް ނެތި އަބަދުވެސް ކަށަވަރުކުރަންޖެހޭ ދެ އަސާސް ކަމަށެވެ.
މީގެ އިތުރުން "އެ ބާބުގައި އެކަށައަޅާފައިވާ އުސޫކުތަކާ ހިލާފުނުވެ ހިނގަމުންދާ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން އިންތިހާބު ކޮށްފައި މިހާރު ތިބި މެންބަރުން އެމަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުން ކަމަށް ފެންނަ ކަމަށްވެސް ވިދާޅުވެފަިއވެއެވެ.
އެގޮތުން ދެމިތިބޭ މުއްދަތުގައި ގަނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ، ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ފުރިހަމަ ބާރާއި ހައިސިއްޔަތާއި ދާއިރާ އާއި އިހުތިސޯސް އެ ކައުންސިލްތަކަށް ލިބިދޭ ކަމާމެދު ގަނޫނީގޮތުން އެއްވެސް ސުވާލެއް އޮތްކަމަށް ނުފެންނަ ކަމަށްވެސް ވިދޅުވެފައިވެއެވެ.
ނަމަވެސް ކައުންސިލްތަކުގެ އުމުރު ހަމަވުމުން އެ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުމުގެ އިންތިގާލީ އިންތިޒާމެއް ހަމަޖައްސައި އެކަންތައްތައް އެހެން ފަރާތަކާ ހަވާލުކުރުމަކީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ހުރިހާ ހާލަތަކަށް ތަބާވާންޖެހޭ މައިގަނޑު އުސޫލުތަކަށް ތަބާވާ އިންތިޒާމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކައުންސެލް ޖެނެރަލް ވިދާޅުވެފައިވަނީ، އިންތިހާބު ބާއްވަން ދަތިވެއްޖެ ހާލަތެއްގައި އިންތިހާބީ މަގާމުތަކަށް އާ މެންބަރުން އިންތިހާބު ވަންދެން އެ މަގާމުތަކުގައި ތިބި ބަޔަކަށް މަގާމުތަކުގައި ދެމި ތިބެވޭނެގޮތަށް އުމުރުގެ މުއްދަތު އިތުރު ކުރުމަކީ ގަނޫނުއަސާސީގައި މިހާރުވެސް އެކަށައަޅާފައިވާ މަފްހޫމެއް ކަމަށެވެ.
ގާނޫނުއަސާސީގެ 80 ވަނަ މާއްދާއަށް ބަލާއިރު ކުއްލި ނުރައްކަލުުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި އާއްމު އިންތިހާބެއްް ބޭއްވުމަށް ދަތިވެއްޖެނަމަ މަޖިލީހުގެ އުމުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރު ކުރުމުގެ ގަރާރެއް މަޖިލީހުން ފާސްކުރެވިދާނެކަމަށް ބަޔާންކުރޭ،" ކައުންސެލް ޖެނެރަލް ވިދާޅުވެފައިވެއެވެ.
ކައުންސެލް ޖެނެރަލް ވިދާޅުވިގޮތުގައި ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލުގައިވެސް ހިނގަމުންދާ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްްދުމަށްޓަކައި ހުށަހަޅާ ހައްލަކީ އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި މެންބަރުން އެ ކައުންސިލްތަކުގައި ދެމިތިބުމެވެ.
ނަމަވެސް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކުރެވުނު މުއްދަތަށް އިންތިހާބު ކޮށްފައިވާ ކައުންސިލްތަކެއްގެ އުމުރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން ބަދަލު ކުރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ކައުންސެލް ޖެނެރަލް ވިދާޅުވިއެވެ.
"ހާއްސަކޮށް މިހާރު އިންތިހާބު ކޮށްފައިވާ ކައުންސިލްތަކަކީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން ތިން އަހަރުގެ މުއްދަތަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކަކަށް ވާއިރު، އަދި ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާއިން ގާނޫނުއަސާސީގެ، ބުނެވިދިޔަ މާއްދާ އިސްލާހުކޮށް، ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަަރަށް ބަދަލުކޮށް އެ އުސޫލު ހިންގަން ފަށާނީ އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހަށްފަހު، ދެން އެންމެ އަވަހަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކަމަށް ބަޔާންކޮށްފައިވާތީ، ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނުުގެ ހަތަރުވަނަ މާއްދާ އިސްލާހު ނުކޮށް މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް މިހާރު އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު އިތުރު ކުރެވިދާނެކަމަށް ނުފެނޭ،" ކައުންސެލް ޖެނެރަލްގެ ލަފާގައިވެއެވެ.
ކައުންސެލް ޖެނެރަލް ވިދާޅުވެފައިވަނީ، ގާނޫނުއަސާސީގެ 80 ވަނަ މާއްދާގައި ބުނާ ގަރާރު މަޖިލީހުން ފާސްކުރަންޖެހެނީވެސް އާއްމު ބިލްތައް ފާސްކުރަން އޮންނަ ގޮތާ ހިލާފަށް ހާއްސަ ގޮތަކަށެވެ. އެފަދަ ގަރާރެއް ފާސްކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމަށްވެސް ވިދާޅުވިއެވެ.