ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ސިނާޔަތު އައްޔަންކުރުމަށް ކޮމިޓީން ރުހުންދީފި

އިބްރާހިމް ޒަކީ

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ގދ. ތިނަދޫ، ހިރިޔާ، ސިޔާނަތު ހާޝިމް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ، މީގެ ކުޑައިރުކޮޅެއް ކުރިން އޮންލައިންކޮށް ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުުގެ ދަށުން އުފައްދަންޖެހޭ މަގާމެކެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުުގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިިންވަރު މޮނިޓާ ކުރުމަށްޓަކައި އައްޔަންކުރެވޭ، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަނެއް ހުންނަންވާނެ ކަމަށެވެ.

އެމަގާމަަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަން ބޭނުން ކޮންމެ ފަހަރަކު އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅަންވާނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ރައީސް މަޖިލީހަށް ހުށަހަޅުއްވާ ނަން، ނުވަތަ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއިން ފާސްކުރާ މީހަކު ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުގައި ބުނެފައިވަނީ އޮމްބަޑްސްޕާސަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަހުގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާނީ މަޖިލީހަށް ކަމަށެވެ.

އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނުގައި ހިމަނާފައިވަނީ، ދައުލަތުގެ އިދާރާތަކުން މި ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ މި ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ އެ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓާކޮށް އިވެލުއޭޓްކުރުމާއި، އެފަދަ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން ވެސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

މިރޭ ކޮމިޓީން ސިޔާނަތަށް ރުހުން ދިން ރިޕޯޓު، ކޮމިޓީީން ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. އެމަގާމަށް އޭނާ އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ.