ޚަބަރު

އޭޑީކޭގައި ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ، ދުވާލަކު 500އަށްވުރެ ގިނަ ޓެސްޓު ހަދާނެ

އަލީ ޔާމިން

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރެވޭ ޕީސީއާރު މެޝިނެއް އިންސްޓޯލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ޓެސްޓުކުރެވެނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ފުލުހުންގެ ފޮރެންސިކްގައި ހުންނަ މެޝިނަކުން އެކަންޏެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ، ކޮވިޑަށް ޓެސްޓުކުރެވޭ ޕީސީއާރު މެޝިނެއް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ފަރާތުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ކަމަށެވެ.

ޑރ. ނިޔާފް ވިދާޅުވީ، އެ މެޝިނަކީ ޖަރުމަނުން އުފައްދާފައިވާ މެޝިނެއް ކަމަށާއި، އާންމު އުސޫލުގެ ދަށުން މެޝިން އިންސްޓޯލުކޮށް މުވައްޒަފުން ތަމްރީނުކޮށްދިނުމަށް ޓެކްނިކަލް މީހުން އަންނަ ކަމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ބޯޑަރުތައް ބަންދުކޮށްފައިވުމުން ބޭރުގެ ޓެކްނީޝަނުންނަށް އާދެވިފައި ނުވުމުން ޓްރެއިނިން މަރުހަލާއާއި އިންސްޓޯލިން މަރުހަލާ ކުރިއަަށްގެންދަނީ އޮންލައިންކޮށްކަން ފާހަގަކުރެއްވިއެވެ.

"މިހާރު ކުރިއަށް އެދަނީ އިންސްޓޯލޭޝަންގެ މަސައްކަތާއި އެ މެޝިން އޮޕަރޭޓުކުރުމަށް ބޭނުންވާ މުވައްޒަފުން އެކަމަށް ތަމްރީނު ކުރުމުގެ މަރުހަލާ. މި މެޝިން އުފެއްދި ޖަރުމަނުގެ ކުންފުނިންވެސް ބޭނުންވޭ މެޝިންގެ ކޮލެޓީ އެޝުއާ ކުރަން. އެެހެންކަމުން އެކަންކަން ނިމުނުހާ އަވަހަށް އަޅުގަނޑުމެން ޓެސްޓު ކުރަން ފަށާނަން. މި ބަލަކީ ތިން ހަތަރު ދުވަސް ތެރޭގައި ޓެސްޓުކުރެވެން ފެށޭނެ ކަމަށް" ޑރ. ނިޔާފް ވިދާޅުވިއެވެ.

އޭޑީކޭގައި ބަހައްޓާފައިވާ ޕީސީއާރު މެޝިނުން ދުވާލެއްގެ މައްޗަށް ކޮވިޑުގެ 500 އަށްވުރެ ގިނަ ޓެސްޓު ހެދޭނެ ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ. އެގޮތުން ސާމްޕަލްތައް މެޝިނަށް ލުމަށް ފަހު އެ ސާމްޕަލްތައް ޕްރޮސެސްވެ ނަތީޖާ ލިބެން ނަގާނީ ތިން ގަޑިއިރާއި ހަތަރު ގަޑިއިރުގެ ވަގުތެއް ކަމަށް ވިދާޅުވިއެވެ.

"ވަން" އަަށް މައުލޫމާތުދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ މެޝިނާ އެކުގައި ކޮންމެވެސް ވަރަކަށް ޓެސްޓު ކިޓްވެސް ލިބިފައިވާ ކަމަށާއި އިތުރު ޓެސްޓު ކިޓް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެސްޓު ކިޓްގެ ތަފްސީލްތައް މިރޭ އާންމު ކުރާނެ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރެވޭ މިންވަރު އިތުރުކުރުމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ބައެއް މެޝިނަރީސް ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. އޭގެ ތެރޭގައި އެކްސްޓްރޭކްޝަން މެޝިނަކާއި، ޖީން އެކްސްޕާޓް މެޝިންތަކަށް ލައްވާ ކޮވިޑަށް ޓެސްޓު ކުރެވޭ 25،000 ކާޓްރިޖް ހިމެނެއެވެ.

ރާއްޖޭގައި މިހާރު ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވެނީ 300-350 ކޮވިޑް ސާމްޕަލްއެވެ.