ޚަބަރު

މިދިޔަ މަހު ދައުލަތުގެ އާމްދަނީ 59.6 ޕަސެންޓަށް ދަށްވެއްޖެ

މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ދެބައިކުޅަ އެއްބަޔަށްވުރެ ދަށްވެއްޖެ އެވެ.

މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 527 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 59.6 ޕަސެންޓް ދަށްވުމެކެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.31 ބިލިއަން ރުފިޔާ ލިބުނެވެ.

އާމްދަނީ ދަށްވި ސަބަބެއް ކަމަށް މީރާ އިން ބުނީ، ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖެއިން އޮން އެރައިވަލް ވިސާތައް ހުއްޓާލުމާއި ލޮކްޑައުންއާ ގުޅިގެން ޓެކްސް ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައި އޮތުމުން ކަމަށެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް މިދިޔަ މަހު ވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 235 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ޖުމުލަ އާމްދަނީގެ 44.7 ޕަސެންޓެވެ.

ދެވަނަޔަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓްތަކުގެ ބިމު ކުލި ނުވަތަ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގަ އެވެ. އެ ކުލީގެ ގޮތުގައި މިދިޔަ މަހު 133.02 މިލިއަން ރުފިޔާ ލިބިފައިވާއިރު ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރި ފައިދާއިން ނަގާ ޓެކްސް، ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައި ލިބުނީ 36.9 މިލިއަން ރުފިޔާ ކަމަށް މީރާ އިން އާންމުކުރި ހިސާބުތަކުން ދައްކައެވެ.