ޚަބަރު

ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުނަށް 5000 ރުފިޔާ ދޭ އުސޫލު އާންމުކޮށްފި

އައިދާ އަބްދުލް ހަކީމް

ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުނަށް 5000 ރުފިޔާ ދޭ އުސޫލު ރައީސް އޮފީހުން މިއަދު އާއްމުކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ގެޒެޓްކުރި "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

ފްރީލާންސަރުންގެ ތެރެއިން 5،000ރ. ގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެ އެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ލިބޭނީ 1 މާޗާއި ހަމަޔަށް މަދުވެގެން 6 މަސް ދުވަހުގެ މުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައިވާ ނަމަ ކަމަށާއި އެމީހަކީ މިހާރު ވަޒީފާއެއްގައި ހުރި ފަރާތެއް ކަމުގައި ނުވުމަކީ ވެސް އެ އުސޫލުގެ ދަށުން ޝަރުތެކެވެ.

އެސޫލުގައި ބުނަނީ، އާމްދަނީގެ ގޮތުގައި ލިބެމުން އައި އަދަދު މަދުވެފައިވާ ފަރާތެއް ނަމަ، އަދި އެ ފަރާތަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދަކީ، 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ ލިބޭނީ 5000 ރުފިޔާ އިން އެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ކަމަށެވެ. ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ 5,000 ރުފިޔާ އިން އެ އަދަދު އުނިކުރުމުން އެ ފަރާތަކަށް، ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނީ މިދިޔަ އޭޕްރިލް މަހާއި މެއި އަދި ޖޫން މަހުގެ ނިޔަލަށެވެ.

އެހީއަށް އެދި ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންނެވެ. އެހީ ލިބޭ މުއްދަތުގައި އާމްދަނީގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީއަށް އަންގަން ޖެހޭނެ އެވެ. މި އެހީއަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ދޭ މީހުންނަށް ދައުވާ ކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެ އުސޫލުގައި ބުނެއެވެ.

"އިންކަމް ސަޕޯޓް އެލަވެންސް" 3 މަސްދުވަހަށް ދޭން ނިންމާފައިވީ ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މި އެހީގެ މުއްދަތު އިތުރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.