ޚަބަރު

އަމިއްލަ މަސައްކަތްކުރާ މީހުނަށް އެލަވަންސް ލިބޭނީ މާޗުގެ ކުރީން ހަމަހު މަސައްކަތް ކޮށްފައިވާ ނަމަ: ރައީސް އޮފީސް

އައިދާ އަބްދުލް ހަކީމް

ކޮވިޑް19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ "އިންކަމް ސަޕޯޓް އެލަވަންސް" އަމިއްލަ މަސައްކަތްކުރާ މީހުންނަށް ލިބޭނީ މާޗުގެ ކުރީން 6 މަސްދުވަހު މަސައްކަތް ކޮށްފައިވާ ނަމަ ކަމަށް ރައީސް އޮފީސް ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ގެޒެޓްކުރި އުސޫލުގައި ބުނެފައިވާގޮތުގައި އާމްދަނީއަށް އަސަރު ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަނި ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

އެގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ލިބޭނީ 1 މާޗާއި ހަމަޔަށް މަދުވެގެން 6 މަސް ދުވަހުގެ މުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައިވާ ނަމަ ކަމަށާއި އެމީހަކީ މިހާރު ވަޒީފާއެއްގައި ހުރި ފަރާތެއް ކަމުގައި ނުވުމަކީ ވެސް އެ އުސޫލުގެ ދަށުން ޝަރުތެކެވެ.

އސޫލުގައި ބުނަނީ، އާމްދަނީގެ ގޮތުގައި ލިބެމުން އައި އަދަދު މަދުވެފައިވާ ފަރާތެއް ނަމަ، އަދި އެ ފަރާތަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދަކީ، 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ ލިބޭނީ 5000 ރުފިޔާ އިން އެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ކަމަށެވެ. ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ 5,000 ރުފިޔާ އިން އެ އަދަދު އުނިކުރުމުން އެ ފަރާތަކަށް، ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނީ މިދިޔަ އޭޕްރިލް މަހާއި މެއި އަދި ޖޫން މަހުގެ ނިޔަލަށެވެ.

އެހީއަށް އެދި ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންނެވެ. އެހީ ލިބޭ މުއްދަތުގައި އާމްދަނީގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީއަށް އަންގަން ޖެހޭނެ އެވެ. މި އެހީއަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ދޭ މީހުންނަށް ދައުވާ ކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެ އުސޫލުގައި ބުނެއެވެ.

"އިންކަމް ސަޕޯޓް އެލަވެންސް" 3 މަސްދުވަހަށް ދޭން ނިންމާފައިވީ ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މި އެހީގެ މުއްދަތު އިތުރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.