ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން މާ މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހި ނޫސްވެރިކަމުގެ އަލިމަސްޔޫބީލް ފާހަގަކުރުމަށާއި ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާއެކު ކަމަށާއި ސަރުކާރު ކުރިއަށްދާނީ ބިނާކުރަނިވި ފާޑުކިޔުންތަކާއެކު ކަމަށެވެ.
"ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑަށް މުހިންމު. އަޅުގަނޑުމެން ވެރިކަމަށް އައީވެސް، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ވައުދާއެކު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައު ވެރިކަމެއް އިންތިހާބު ކުރުމުގެ މަރުހަލާއަށް ދިޔަ އިރު، ދިވެހި ނޫސްވެރިކަން އޮތީ އަބުރުގެ ގާނޫނުން އަނދަގޮނޑި ޖަހާފައި ކަމަށާއި ސަރުކާރުން ދިޔައީ ނޫސްވެރިންނާއި ނޫސް އިދާރާތައް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަމުން ކަމަށެވެ.
"އަޅުގަނޑު ވެރިކަމާ ހަވާލުވުމަށްފަހު، އެ ބިރުވެރިކަމުން ނޫސްވެރިން ސަލާމަތް ކުރުމުގެ މަސައްކަތް ވާނީ ފަށާފައި. އަޅުގަނޑު އެންމެ ފުރަތަމަ ތަސްދީގު ކުރި ބިލަކީ އަބުރުގެ ގާނޫނު އުވައިލުމުގެ ބިލް. އެކަން އެގޮތަށް މެދުވެރިވުމަކީ މިނިވަން ދިވެހި ނޫސްވެރިކަމަށް މާތް ﷲ މިންވަރު ކުރެއްވި ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.