ޚަބަރު

ކޮވިޑާއި ގުޅިގެން އެލަވަންސް ލިބޭނީ މާޗް 1 ގެ ފަހުން ވަޒީފާ ގެއްލިފައިވާ ނަމަ: ރައީސް އޮފީސް

އައިދާ އަބްދުލް ހަކީމް

ކޮވިޑް19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ "އިންކަމް ސަޕޯޓް އެލަވެންސް" ލިބޭނީ މާޗް 1 ގެ ފަހުން ވަޒީފާ ގެއްލިފައިވާ ނުވަތަ ވަޒީފާގެ ހާލަތަށް އިތުރު ބަދަލެއް އައިސްފައިވާ މީހުންނަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ގެޒެޓްކުރި "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް 19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވެންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.

މި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

މީގެ އިތުރުން ފްރީލާންސަރުންގެ ތެރެއިން 5،000ރ. ގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެ އެވެ.

ކޮވިޑް 19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނީ މިދިޔަ އޭޕްރިލް މަހާއި މެއި އަދި ޖޫން މަހުގެ ނިޔަލަށެވެ.

އެހީއަށް އެދި ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންނެވެ. އެހީ ލިބޭ މުއްދަތުގައި އާމްދަނީގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީއަށް އަންގަން ޖެހޭނެ އެވެ. މި އެހީއަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ދޭ މީހުންނަށް ދައުވާ ކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެ އުސޫލުގައި ބުނެއެވެ.

"އިންކަމް ސަޕޯޓް އެލަވެންސް" 3 މަސްދުވަހަށް ދޭން ނިންމާފައިވީ ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މި އެހީގެ މުއްދަތު އިތުރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.