ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް ސެލިއުޓް ކުރަން: ރައީސް

ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް ސެލިއުޓް ކުރާ ކަމަށާއި ސަރުކާރުގެ ފަސާދައާއި ކޮރަޕްޝަންތަކާ މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސްޔޫބީލް ފާހަގަކުރުމަށާއި ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހެޔޮ ވެރިކަމަކަށް ގައުމުގެ މިސްރާބު ބަދަލުވެއްޖެކަން ރައްޔިތުންނަށް ޤަބޫލުކުރެވުނީ ނޫސްވެރިން އޭރު ކުރި މަސައްކަތުން ކަމަށެވެ.

ގާނޫނުތަކާއި ގަވާއިދުތައް ހަދައިގެން ނޫސްވެރިންނަށް ބިރުދައްކަމުން ދިޔައިރުވެސް، ގައުމުގެ ހައްގުގައި ނޫސްވެރިން އެދުވަހު އެ މަސްއޫލިއްޔަތު އުފުލީ، ގާނޫނަކުން އެމީހުންނާ އެ ޒިންމާތައް ހަވާލުކޮށްގެންނެއް ނޫން. ގާނޫނީ އެއްވެސް ހިމާޔަތެއް ލިބިގެންނެއްވެސް ނޫން. ނޫސްވެރިން އެ ދުވަހު ބިރުފަހަނަޅައި ނުކުމެ، ސަރުކާރުގެ ނުރަނގަޅު އަމަލުތައް ހާމަކުރީ މި ގައުމަށް ހެޔޮއެދޭތީ. ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް، އަޅުގަނޑު މިއަދު ސެލިއުޓް ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިކަން ހިފެހެއްޓުމަށްޓަކައި ގާނޫނީ ބަނދެވުންތަކެއް އޮންނަންޖެހޭ ކަމަކަށް ނުދެކޭ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ދީގެން މި ސަރުކާރަށް ގެއްލޭނެ އެއްވެސް އެއްޗެއް އަދި ލިބޭނެ ގެއްލުމެއްވެސް ނޯންނާނެ ކަމަށެވެ.

"ނޫސްވެރިކަން ކުރިއަރުވައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް، ދެ ގާނޫނަކުން ދެ މުއައްސަސާއެއް މިހާރުވެސް އުފައްދާފައި އެބައޮތް. ނަމަވެސް އެ ދެ މުއައްސަސާ މެދުވެރިކޮށް ސަރުކާރުން، މިހާތަނަށް ކުރި ކަމަކީ ތަފާތު ކަންކަމުގައި ނޫސްވެރިން ކުށްވެރިކޮށް، ނޫސްވެރިކަމުގައި އަނދަގޮނޑި ޖެހުން. ނާޖާއިޒުގޮތުގައި ގާނޫނުތައް ބޭނުންކޮށް، ނޫސްވެރިކަން ގައިދުކޮށް ހިފެހެއްޓުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ފާޅުކުރާ ހިޔާލެއްގެ ސަބަބުން ނޫސްވެރިން ފަހައި ދުވެ، ގާނޫނުތަކުގެ މަޅީގައި ނޫސްވެރިން ޖައްސާނެ ސަރުކާރެއް ނޫން ކަމަށާއި ނޫސްވެރިންނަކީ މި ސަރުކާރަށް ހުރި ބިރެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަކީ މި ސަރުކާރު ދެމިއޮތުމުގެ މައިބަދަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.