ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ މި ސަރުކާރުން އަޅާނުލައި ދޫކޮށްލާނޭ މައްސަލައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހި ނޫސްވެރިކަމުގެ އަލިމަސްޔޫބީލް ފާހަގަކުރުމަށާއި ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަލްވަދާއު ކިޔާފައިވާ ދެ ނޫސްވެރިންގެ ހަނދާން މިއަދު އާކުރަން ޖެހޭ ކަމަށެވެ.
"އެއީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަދި ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރު ޔާމީން ރަޝީދު. އެ ނޫސްވެރިން އަޅުގަނޑުމެންނާ ވަކިވުމަކީ ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް، ހިތްދަތިކަމެއް. އެއީ މި ސަރުކާރުން އަޅާނުލައި ދޫކޮށްލާނޭ މައްސަލައެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ވެރިކަމުގެ ފުރަތަމަ ދުވަހު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަވާފައިވާނެ ކަމަށާއި އެ ކޮމިޝަންގެ އެހީތެރިކަމާއެކު އެ ދެ މައްސަލައިގެ ހަގީގަތާ ހަމައަށް ވާސިލުވެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ އިންސާނިއްޔަތުކަމެއް ނެތި ހިންގާފައިވާ އެ ދެ މައްސަލައިގެ ކުށްވެރިން ހޯދާ ހަގީގަތް ހާމަކުރެވޭނެ ކަމަށް. އެ ކޮމިޝަނުން އެ މައްސަލަ އަވަސްކޮށްދޭނެ ކަމަށް އުންމީދުކުރަން. މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާއެކުގައި. އަޅުގަނޑުމެން ކުރިއަށްދާނީ ބިނާކުރަނިވި ފާޑުކިޔުންތަކާއެކުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި މުހިންމު ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.