ޚަބަރު

އެނބުރި ހިދުމަތަށް ނުކުތުމަށް މިހާތަނަށް 400 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރީން އެދިފައިވޭ: މިނިސްޓަރު

އަލީ ޔާމިން

ހުރިހާ ސިއްހީ ހިދުމަތްތެރީން ހިދުމަތަށް ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލެއްވި ގޮވާލުމަށް އިޖާބަދީ މިހާތަނަށް 400 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރީން އެނބުރި ހިދުމަތަށް ނުކުތުމަށް ބޭނުންވެގެން އެދިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖެ މިވަގުތު ވަނީ ސިއްހީ ހިދުމަތްތެރީންނަށް ބޭނުންވެފައި ކަމަށެވެ. އަދި އަތޮޅުތެރޭގައި ބަލި ފެތުރިގެންދާއިރު އެންމެ ބާރުބޮޑުވާނީ ސިއްހީ ނިޒާމަށް ކަމަށާއި އެހެންކަމުން އެ ހާލަތުގައި އެންމެންނަށް ފަރުވާދެވޭނެ ކެޕޭސިޓީ ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިހާރު ތިބި ސިއްހީ ހިދުމަތްތެރީންނާއި، މި ހާލަތުގައި ގައުމަށް ހިދުމަތް ކުރުމަށް ނުކުންނަން ބޭނުންވާ ހުރިހާ ހިއްސީ ހިދުމަތްތެރީންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މިހާތަނަށް 400 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރީން އެނބުރި ހިދުމަތަށް ނުކުތުމަށް ބޭނުންވެގެން އެބޭފުޅުންގެ މައުލޫމާތު ހެލްތު މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

"ހަގީގަތުގައި ސިއްހީ ހިދުމަތަށް ނުކުތުމަށް ރައީސް އެދިލެއްވުމުން އެއަށް ވަރަށް ފުރިހަމައަށް އިޖާބައެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔަ. މިހާރުވެސް އަޅުގަނޑުމެންގެ ހިދުމަތުގައި ތިއްބެވި ހިދުމަތްތެރީންގެ އިތުރަށް 400އަށް ވުރެ ގިނަ ފަރާތްތަށް ހިދުމަތަށް ނުކުތުމަށްޓަކައި އަޅުގަނޑުމެންނާ ހަމައަށް އެބޭފުޅުންގެ މައުލޫމާތު ފޯރުކޮށްދީފައިވޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ސިއްހީ ހިދުމަތްތެރީން ތަމްރީނުވުމުގެ އިތުރު ފުރުސަތުތައް ސަރުކާރުން ހުޅުވާނެ ކަމަށެވެ. އަދި އެބޭފުޅުން ފުރާނަ އަތްމައްޗަށް ލައިގެން ގައުމަށްޓަކައި އެކުރާ ބުރަ އަދި އުނދަގޫ މަސައްކަތަކީ އޭގެ ބަދަލު ދުވަހަކުވެސް ނުދެވޭނެ ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިވަގުތު ތިބީ 905 ޑޮކްޓަރުންނާއި، 2970 ނަރުހުންނެވެ. އޭގެ ތެރެއިން 55 އިންސައްތަ ހާއްސަކޮށްފައިވަނީ ކޮވިޑް 19އާ ގުޅޭ ކަންކަމަށެވެ.