ޚަބަރު

ފިނޭންސާއި ޓޫރިޒަމް މިނިސްޓަރު ފަތުރުވެރިކަމުގެ ސިނާއަތުގެ އެސޯސިއޭޝަންތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި

އަލީ ޔާމިން

ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެސޯސިއޭޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އޮންލައިންކޮށް އިއްޔެ ބޭއްވި މި ދެ ބައްދަލުވުގައި ހަތް އެސޯސިއޭޝަނަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެސޯސިއޭޝަން އޮފް ޓްރަވެލް އެޖެންޓު (އޭޓީއޭ)، ޑައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)، ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް)، އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)، އެކުއޮޓޯރިއަލް އޮފް ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އީޓީޓީއޭ)، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އިސްވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ގައުމަށް ދިމާވެފައިވާ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާއި، ކޮވިޑުގެ ހާލަތު ހަމަޔަކަށް އެޅުމުން ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. ފަތުރުވެރިމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެސޯސިއޭޝަންތަކުންވެސް ވަނީ އެ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތަކާއި، ރާއްޖޭގައި ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ކުރުން މުހިންމު ކަންކަމާއި، މިހާރުގެ ހާލަތަށް ރިއާއަތްކޮށް، ކުރެވިދާނެ ކަންކަން މިނިސްޓަރު އަލީ ވަހީދާއި ހިއްސާކުރައްވައިފައެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވަނީ، ކޮވިޑާއި ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ ލޯނުތަކާއި ބެހޭ ގޮތުން އެ އެސޯސިއޭޝަންތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ.

ފަތުރިވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެސޯސިއޭޝަންތަކުގެ އިސްވެރިން ރޭ ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދާ ބައްދަލުކުރައްވައި ހާލަތާއި ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ތޮއްޔިބު ވަނީ ނިއު ނޯމަލްގައި ގައުމު ހުޅުވާލާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ތަފާތު ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަން ފާހަގަކުރައްވައިފައެވެ.

ކޮވިޑުގެ ހާލަތުން އަރައިގަތުމަށް، ސަރުކާރަށް އެއްބާރުލުން ދިނުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެސޯސިއޭޝަންތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަތާ ވަނީ ދުވަސްކޮޅެއް ވެފައެވެ.

ކޮވިޑުގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން އެ ސިނާއަތް ވަނީ އެއްކޮށް ހުއްޓިފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މިހާރުގެ ހާލަތަށް ބަލާނަމަ ޖުލައި މަހުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލެވި ރާއްޖެއަށް ފަތުރުވެރިން ގެނެވެން ފެށޭނެކަމަށެވެ.