"ހިޔާ މަޝްރޫއު"، "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް" އާ ގުޅިގެން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި، މި މަޝްރޫއުތަކާ ގުޅުންހުރި އެންމެހައި މައްސަލަތައް ދިރާސާކުރުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުން އެރުވި ލަފާފުޅުގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވުމަށް ނިންމަވާފައިވާ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، "ގެދޮރުވެރިކުރުމުގެ މަޝްރޫއު"ގެ ދަށުން ފްލެޓުތައް ދޫކޮށްފައިވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް، އެކަންކަމާމެދު އަމަލުކުރާނެ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން އެޅުން ހިމެނެއެވެ.
"ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓު ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް، ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއި، ފްލެޓުތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަމަލުކުރާނެގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަކީވެސް މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މީގެ އިތުރުން "ހިޔާ" މަޝްރޫއުއާއި، "ގެދޮރުވެރިކުރުން" މަޝްރޫއު އަދި "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނީވެސް މި ކޮމިޓީންނެވެ.
"ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދިނުމަށްވެސް، މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުންތަކަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވައުދުފުޅުތަކާ ގުޅިގެން ނިންމެވި ކަންކަމެވެ.