ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އަމިއްލަ މީޑިއާ ހައުސް، ވީމީޑިއާގެ މާލީ ހާލަތު ދަށްވެ، ވަގުތީ ގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް އެ މީޑިއާ ހިންގަމުން އަންނަ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީން ބުނެފިއެވެ.
އައިލެންޑް ބްރޯޑްކާސްޓިން އިން އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުން މައި ކުންފުންޏަށް ވަންނަމުންދިޔަ އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އެކަމުގެ ސަބަބުން އެކުންފުނި ހިންގުމަށާއި މުވައްޒަފުންނަށް ދޭންޖެހޭ އުޖޫރައާއި އިނާޔަތްތައް ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ހާލަތުގައި ކުންފުނި ދެމެހެއްޓުމަށްޓަކައި ކުރެވުނު މަސައްކަތުން ވެސް އާމްދަނީ އިތުރުކުރެވޭނެ އެއްވެސް އަލިމަގެއް ފެނިފައިނުވާތީ، އައިލެންޑް ބްރޯޑްކާސްޓިންގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލަންޖެހޭ ދަރަޖައަށް ގޮސްފައިވާ ކަމަށް ސާކިއުލާގައިވެއެވެ.
އެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ، ކުރިން ކަނޑައަޅާފައިވާ ގޮތަށް ހުސްވި އޭޕްރިލް މަހުން ފެށިން މުސާރަ ވަކިވަރަކަށް އުނިކޮށްގެން ވެސް ދެވޭނެ އެއްވެސް ގޮތެއް ނެތުމާއެކު އޭޕްރިލް، މޭ އަދި ޖޫން މަހު މުސާރައިގެ ގޮތުގައި ދެވޭނެ ކަމަށް ބެލެވެނީ ކޮންމެ މުވައްޒަފަކަށް ވެސް 2222 ރުފިޔާ ކަމަށެވެ.
ނަމަވެސް ކުންފުނީގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނަސް، ކުރިއަށް އޮތް ތިން މަހަށް ކަނޑައެޅިފައިވާ މުސާރަ އާއި ރޯދަމަހުގެ އިނާޔަތުގެ ފައިސާ އެމުވައްޒަފެއްގެ ބޭންކު އެކައުންޓަށް ޖަމާކޮށް، އެކަން މުވައްޒަފުންނާ ހިއްސާކުރެވޭނެ ކަަމަށާއި އެގޮތަށް ނިންމީވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ބޭނުންނުވާތީ އާއި ކުންފުންޏަށް އެއްވެސް ފައިސާއެއް ހޯދުނަސް، އެފައިސާ ހަމަހަމައަށް ހުރިހާ މުވައްޒަފުންގެ މެދުގައި ހިއްސާކުރުމުގެ މަގްސަދުގައި ކަމަށް ވެސް އައިލެންޑް ބްރޯޑްކާސްޓިނުން ބުނެއެވެ.
"ޖޫން 2020ގެ ނިޔަލަށް، އިގްތިސާދު މިހާލަތުން އަރައިނުގަނެވި، އާމްދަނީ ލިބޭނެގޮތެއް ނުފެއްނިއްޖެނަމަ، މުވައްޒަފުންގެ ވަޒީފާއާމެދު ގޮތެއް ނިންމައި އެކަން ކޮންމެ މުވައްޒަފަކަށް ވެސް އަންގަމުން ގެންދެވޭނެއެވެ،" އެކުންފުނީގެ ބަޔާނުގައިވެއެވެ.