ޚަބަރު

ރިލީފް ފަންޑުން 100 މިލިއަން ރުފިޔާ ދޫކޮށްފި

އަލީ ޔާމިން

ކޮވިޑް 19ގެ ސަބަބުން ގެއްލުންވެފައިވާ ވިޔަފާރިތަކާއި ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ގާއިމުކޮށްފައިވާ އިކޮނޮމިކް ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިހާތަނަށް 73 ކަސްޓަމަރަކަށް 100 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ބީއެމްއެލުން ފައިސާ ދޫކުރުމަށް ހަމަޖައްސާފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި ދިހަ މިލިއަނަށްވުރެ މަތީ އަދަދެއް ލިބިފައިވާ ވިޔަފާރިތަކަށެެވެ.

އެގޮތުން މިހާތަނަށް ބޭންކުން އިވެލުއޭޓް ކުރުމަށްފަހު ފިނޭންސް މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 92 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޮނުވާފައިވާނެ ކަމަށާއި މީގެ ތެރެއިން ބޭންކަށް އަނބުރާ ލިޔުން ފޮނުވާފައިވާ ކަސްޓަމަރުންގެ ތެެެރެއިން 73 ކަސްޓަމަރަކަށް 100 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓަރެސްޓްގައި ދޫކުރާ ފައިނޭންސިންއެއް ކަމަށެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑުގައި އިންޓަރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ މި މުއްދަތުގައި ވެސް ބޭންކުން އަންނަނީ ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރަމުން ކަމަށާއި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިން ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަހެޅޭނެ ކަމަށެވެ.