ޚަބަރު

ހާލަތުން އިބުރަތް ހާސިލުކޮށް، ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަން ދިނުމަށް ނާސިން ކައުންސިލުން އިލްތިމާސްކޮށްފި

އިބްރާހިމް ޒަކީ

މިއަދު ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އިބުރަތް ހާސިލުކޮށް، ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން މިކަމަށް އިލްތިމާސްކޮށްފައިވަނީ، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ނެރެފައިވާ ރިޕޯޓުގައެވެ.

އެ ކައުންސިލަކީ ރާއްޖޭގެ ހުރިހާ ނަރުހުންނާއި ފޫޅުމައިން ތަމްސީލު ކުރާ ކައުންސިލެކެވެ.

އެ ކައުންސިލްގެ ރިޕޯޓުގައި ބުނެފައިވަނީ، އަދިވެސް ވަގުތު އެބައޮތް ކަމަށާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް، ސިއްހީ ދާއިރާއަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ހާއްސަ ދާއިރާތަކުން ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ނަރުހުންނަށް މަގުފަހިވެގެން ދިއުމަކީ ސިއްހީ ގޮތުން ކުރަންޖެހޭ ހޭދައަށް ލިބޭނެ ލުޔެއް ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ނަރުހުންނާއި އެމީހުންގެ އެކުވެރިން ތިބީ، ކޮވިޑް 19 ޖެހިފައިވާ ބަލި މީހުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ހިދުމަތް ފޯރުކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

"ނަރުހުންނަކީ އަބަދުވެސް ސިއްހީ ގޮތުން ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައިވެސް ހިތްވަރާއި، ކެރުމާއެކު ހިދުމަތް ދިނުމުގައި ތަޖުރިބާހުރި ހުނަރުވެރި ނަމޫނާ ބައެކެވެ. އަދި ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް ސާބިތުކަމާއެކު ކުރިމަތިލައިގެން ތިބޭ އެހީތެރި އެކުވެރިންނެވެ..،" ނާސިން ކައުންސިލުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދުނިޔޭގެ ނަރުހުންގެ ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ “Nurses: A Voice to Lead- Nursing the world to Health”އެވެ.

މިއަހަރު، ނަރުހުންގެ އަހަރުގެ ގޮތުގައި ފާހަގަކުރަނީ މޮޑަން ނާސިންގެ ހިދުމަތް ތައާރަފުކުރި، "ފްލޮރެންސް ނައިޓިންގޭލް"ގެ 200 ވަނަ އުފަންދުވަހާ ދިމާކޮށެވެ.

އެހެންކަމުން ނަރުހުންނާއި ފޫޅުމައިންނަށް ހާއްސަ ކަންތައްތަކެއް މިއަހަރު ކުރިއަށް ގެންދިއުމަށް ވެސް ވަނީ އިންތިޒާމުކޮށްފައެވެ.