އިބްރާހިމް ޒަކީ
ހިތްވަރާއެކު ނަރުހުން މަސައްކަތްކުރަމުން އެދަނީ ދުނިޔެ އާއްމު ސިއްހީ ހާލަތަށް ގެނައުމަށް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ނަރުހުންނަށް ތައުރީފުކުރައްވައިފިއެވެ.
އެމަނިކުފާނު މި މޭރުމުން ދިވެހި ނަރުހުންނަށް ތައުރީފުކުރެއްވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ރައީސް ވިދާޅުވެފައިވަނީ، ނަރުހުންނަކީ އަމިއްލަ ނަފުސަށްވުރެ އެހެން މީހުންގެ ފުރާނައާއި ސިއްހަތަށް އިސްކަންދީގެން މަސައްކަތްކުރާ ބައެއް ކަމަށެވެ.
ކޮވިޑް19 ގެ މިހާލަތުގައި ބިރެއްނެތި ނަރުހުން ކުރައްވާ ހިތްވަރާއި ދެއްވާ ހިދުމަތްތަކުން މިއަދު ހަނދާންކޮށްދޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާލަތުގައި ދިމާވެދާނެ ނުރައްކަލަށް ބެލުމެއްނެތި ދިވެހި ނަރުހުން ދައްކަމުން އަންނަ ހިތްވަރު ފާހަގަކުރައްވައި ރައީސް ވަނީ ނަރުހުންގެ މަސައްކަތްތައް ހިތްވަރުދެއްވައި، ޝުކުުރު އަދާކުރައްވައިފައެވެ.
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ވެސް މިއަދު ވަނީ ރިޕޯޓެއްް ނެރެފައެވެ.
އެ ރިޕޯޓުގައި މިއަދު ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އިބުރަތް ހާސިލުކޮށް، ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.