ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފުތާގެ ނިޔަލަށް 814 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.
ކޮރަޕްޝަނަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން ދަނީ ކޮވިޑާ ގުޅިގެން ކުރާ ހަރަދު ކޮންމެ ހޯމަ ދުވަހަކު އާންމުކުރަން ފަށައިފައެވެ. އަދި ކޮވިޑަށް ކުރާ ހުރިހާ ހަރަދެއްގެ ތަފްސީލު ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އެ މިނިސްޓްރީން ވަނީ ސަރުކާރުގެ ހުރިހާ އިދާރާއަކަށް އަންގައިފައެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ 148.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއާއެކު މިހާތަނަށް ސަރުކާރުން ހަރަދުކުރި ޖުމްލަ އަދަދު 814.2 މިލިއަނަށް ވަނީ އަރައިފައެވެ.
މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކޮވިޑުގެ މަސައްކަތްތަކަށް ސަރުކާރުން ހަރަދުކޮށްފައިވަނީ 665.4 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ ހަފުތާގައި ހަރަދުކުރި 148.8 މިލިއަން ރުފިޔާ ޖުމުލަ ގޮތެއްގައި ހަރަދުކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މެޑިކަލް އިކުއިޕްމަންޓަށާއި ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތަށް ބޭނުންވާ ތަކެތި ގަނެ ރައްކާކުރުމަށް ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ޕީޕީއީ ގަތުމަށް ވެސް ހަރަދުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
މިދިޔަ ހަފުތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމް)ގެ މަސައްކަތްތަކަށެވެ. އެއީ މިދިޔަ ހަފުތާގެ ޖުމްލަ ހަރަދުގެ 91.5 ޕަސެންޓެވެ. މިއީ ކޮވިޑް 19 އާ ގުޅިގެން އެންމެ ބޮޑެތި މަސައްކަތް ކުރާ މައިގަނޑު ދެ އެޖެންސީއެވެ.
ހިސާބުތަކަށް ބަލާއިރު އެންޑީއެމްއޭ އިން ކުރާ މަސައްކަތްތަކަށް މިހާތަނަށް 525.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހެލްތު މިނިސްޓްރީން ހަރަދުކޮށްފައިވަނީ 135.7 ރުފިޔާއެވެ. ޑިޒާސްޓާ މެނޭޖްމަންޓް ފަންޑު 84.1 މިލިއަން ރުފިޔާ، ޕްލޭނިން މިނިސްޓްރީން 27.9 މިލިއަން، ރުފިޔާ ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 24.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ހަ މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.5 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 2.9 މިލިއަން ރުފިޔާ، ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މޯލްޑިވްސް އިމިގްރޭޝަނާއި ޖެންޑާ މިނިސްޓްރީން ދެ ލައްކަ ރުފިޔާ، ފުލުހުން ހަ ލައްކަ ރުފިޔާ އަދި އައިޖީއެމްއެޗްގެ މަސައްކަތްތަކަށް އެއް ލައްކަ ރުފިޔާ ހޭދަކޮށްފައިވެއެވެ.