ކޮވިޑް 19 ގެ ބަލިމަޑުކަމުގެ މިހާލަތުގައި ވެސް އިންޑިއާއިން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާކޮށްފި އެވެ.
ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާއަކީ ހަގީގީ އެކުވެރިއެއް ކަމަށެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް އިންޑިއާއި ރާއްޖެއަށް އެހީތެރިވަމުން އަންނަކަމީ އެކަމުގެ ހެއްކެއް ކަމަށެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި އިންޑިއާއިން ފޯރުކޮށް ދެމުން އަންނާތީ، އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައްޔިތުންނަށް ރައީސް ސޯލިހް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް ސޯލިހް އިންޑިއާއަށް ޝުކުރު އަދާކުރައްވާފައި މިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ 580 ޓަނުގެ ހިލޭ އެހީ ހިފައިގެން އެގައުމުގެ މަނަވަރެއް ރާއްޖެއަށް މިއަދު ބަނދަރު ކުރުމާ ގުޅިގެންނެވެ.
މިއަދު ރާއްޖެއަށް ގެނެސްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ 200 ޓަނުގެ ހަނޑުލާއި، 140 ޓަނުގެ ގޮދަން ފުށް، 90 ޓަނުގެ ހަކުރު، 120 ޓަނުގެ ރީނދޫ މުގު، 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ. ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.