ޚަބަރު

އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ފެން މީޓަރުގެ ރީޑިން ފޮނުވުމުން ބިލު ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ފެން މީޓަރުގެ ފޮޓޯ އާއި ރީޑިން އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް އަޕްލޯޑްކޮށްގެން ބިލު ޖެނެރޭޓު ކުރެވޭ އިންތިޒާމެއް އެމްޑަބްލިއުއެސްސީން ހަމަޖައްސައިފިއެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މިއީ އެމްޑަބްލިއުއެސްސީގެ އެޕަށް ތައާރަފުކުރެވުނު އާ ފީޗާއެކެވެ. އަދި މި އެޕުގައި ބަޔާންކޮށްފައިވާ އިރުޝާދާ އެއްގޮތަށް މީޓަރުގެ ފޮޓޯއާއި ރީޑިންގް އަޕްލޯޑު ކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެން ބިލު ތައްޔާރު ކުރެވޭނެ ކަމަށާއި އެޕް މެދުވެރިކޮށް ފެން ބިލު ބަލައިލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެގޮތުން ރީޑިންގް ނަގާ ދުވަސް ޖެހުމުން އެޕްލިކޭޝަނަށް މީޓަރުގެ ރީޑިންގް އަޕްލޯޑު ކުރުމަށް ކަސްޓަމަރުންނަށް އެސްއެމްއެސް ނޮޓިފިކޭޝަނެއް ފޮނުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މި އެސްއެމްއެސް ލިބުމުން އެޕުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކެމެރާ އައިކަންއަށް ފިއްތާލައި، މީޓަރުގެ ފޮޓޯ އަދި މީޓަރުގެ ޑައިލްއިން ފެންނަ އަށް އަދަދުގެ ނަންބަރުޖަހައި ސަބްމިޓް ކުރުމުން ބިލު ޖެނެރޭޓްވެ އެޕްލިކޭޝަނަށް ފެން ބިލު އަޕްޑޭޓު ވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އަދި މި ފީޗާއިން އަޕްލޯޑު ކުރެވޭނީ ވަގުތުން މީޓަރުގެ ފޮޓޯ ނަގައިގެން ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރީޑިން ނުފޮނުވޭނަމަ އެ މަހަކަށް ބިލު ތައްޔާރު ކުރާނީ އެ ގޭބިސީއެއްގެ ފާއިތުވި ތިން މަހާއި ހަމަހާ ދޭތެރޭގެ ބިލުތަކުގެ އެވްރެޖަށް ބިނާކޮށް، އެވަރެޖް ބިލެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މި ކަންކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ވެބްސައިޓުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނީގެ އެޕްލިކޭޝަނަށް މި އާ ފީޗާ ތައާރަފުކޮށްފައިވަނީ ލޮކްޑައުންގެ މުއްދަތުގައި އެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ރީޑިން ނަގަން ދިއުމަކީ ކަސްޓަމަރުންނާއި މުވައްޒަފުން ނުރައްކަލަށް ހުށަހެޅޭނެ ކަމަކަށް ވުމުންނެވެ. އަދި މިއީ އެކަމަށް ބަލައި، އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށާއި މިއީ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ގަވައިދުން ބިލު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ތައާރަފުކުރި އާ ފީޗާއެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.