މިންހާ ފާއިޒް ރަޝާދު
ލޮކްޑައުނުގައި ހުރި ގައުމުތަކުން ލުއިތައް ދީ، ހުޅުވާލަން ފެށުމާއެކު ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ދިޔަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްލާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ ގޭގޭގައި މީހުން ތިބެފައި ބޭރަށް ނުކުތުމަށް ހުލުވާލުމާއެކު ގައުމުތަކުން ކޮވިޑަށް ޕޮޒިޓިވް ވި މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
"ހަފްތާ ބަންދުގައި ވަރަށް ބޮޑެތި ޗެލެންޖުތަކެއް ފެނިގެން ދިޔަ. މިސާލަކަށް ކޮރެއާގެ ބާތަކާއި ކްލަބްތައް އެތަންތަނަށް ދިޔަ މީހެއްގެ ފަރާތުން އެތައް ބަޔަކު ޕޮޒިޓިވް ވެގެން ބަންދު ކުރަން ޖެހުނު. ގިނަ ބަޔަކު މިހާރުވެސް ޓްރޭސް ކުރެވިއްޖެ" ޓެޑްރޮސް ވިދާޅުވިއެވެ.
ޓެޑްރޮސް އިތުރަށް ވިދާޅުވީ ޗައިނާގެ ވޫހާންވެސް ހުޅުވާލުމާއެކު އެ ޕްރޮވިންސުންވެސް ފުރަތަމަަ ފަހަރަށް އެތައް ދުވަހެއް ކޮށްފައި ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށެވެ. ހަމައެއާއެކު ޖަރުމަނުގައިވެސް ލޮކްޑައުނަށް ލުއިތައް ދިނުމުން ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.
"ނަސީބަކުން މި ތިން ގައުމުގައިވެސް ރަނގަޅު ސިސްޓަމްތަކެއް ގާއިމުކޮށްފައި އެބަހުރި. އަވަަހަށް ދެނެގަނެ ކޭސްތަކަށް ވީހާވެސް އަވަހަށް ރެސްޕޮންޑު ކުރެވޭ" ޓެޑްރޮސް ވިދާޅުވިއެވެ.
ލޮކްޑައުން ލުއިކޮށް ގައުމުތައް ހުޅުވާލާއިރު ބަލަން ޖެހޭ ކަންކަމަށް ރިއާޔަތްކޮށް ހަ ކްރައިޓީރިއާއެއްގެ މައްޗަށް އެކުލެވޭ ގައިޑެންސްއެއް ތައްޔާރުކޮށް ޑަބްލިއުއެޗްއޯގެ ފަރާތުން ގައުމުތަކަށް ހިއްސާކުރައްވާފައިވާކަމަށް ވިދާޅުވެ އާންމު ސިއްހަތުގެ ދާއިރާ ހަރުދަނާކޮށްފައި ނޫނީ ގައުމުތައް ހުޅުވުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.
"ލޮކްޑައުނުން ގައުމުތައް ހުޅުވާލާއިރު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް ގައުމުތަކުގެ ސަރުކާރުތަކާ އެކު ވަރަށް ގާތުން މަސައްކަތް މި ކުރަނީ، ވެކްސިނެއް އުފެއްދެންދެން، ބަލިން ރައްކާތެރިވުމުގައި އޮތް އެންމެ މުހިންމު ޓޫލަކީ ގައުމުތަކުން އަޅާ ހަރުދަނާ ފިޔަވަޅުތައް" ޓެޑްރޮސް ވިދާޅުވިއެވެ.