ޚަބަރު

އައްޑޫގައި ކޮވިޑަށް ޓެސްޓު ހެދުމާއި ގުޅޭ ގޮތުން ހުރި މައްސަލަތައް ހައްލު ކުރާނަން: ސަރުކާރު

މަރިޔަމް ޝަހުދާ

އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓު ހެދުމާއި ގުޅޭ ގޮތުން ހުރި މައްސަލަތައް ހައްލު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ އައްޑޫ ސިޓީއަށާއި އައްޑޫ ސިޓީގެ ހޮސްޕިޓަލަށް ކޮވިޑް 19 އާއި ގުޅިގެން ކުރިމަތިވާ އުނދަގޫތަކާއި ގޮންޖެހުންތަކާއި، އެކަންކަން ހައްލު ކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި އެސިޓީގެ ރައްޔިތުން މަޖިލީހުގެ ހަތް މެންބަރުން އަދި ހޮސްޕިޓަލުގެ އިސްވެރިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި މިނިސްޓަރު އަމީން ބައިވެރިވެ ވަޑައިގެންނެވީ ސަރުކާރު ފަރާތުން ސިއްހީ ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެގޮތުން މި ބައްދަލުވުމުގައި ބައިވެރި ވި އައްޑޫ ސިޓީގެ ހަތް ދާއިރާގެ މަޖިލިސް މެންބަރުން އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅިގެން ވަކިވަކިން ނައިބު ރައީސް އާއި ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ވީހާވެސް އަވަހަކަށް އައްޑޫގައި ކޮވިޑް 19އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް މި ހަތް މެންބަރުން އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން މިވަގުތު މާލެއިން ނުވަތަ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދާން ބޭނުންވާ ފަރާތްތަކާމެދު އަމަލު ކުރާނެ އުސޫލުތަކާއި ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އެސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އައްޑޫސިޓީގައި ހަމަޖައްސަވާފައިވާ ކަރަންޓީން ފެސިލިޓީތަކުގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އައްޑޫ ސިޓީގެ ހަތް ދާއިރާގެ މެންބަރުންނާއި ހޮސްޕިޓަލުގެ އިސްވެރިންގެ ވާހަކަތައް އޮޅުން ފިލުވުމަށްފަހު، ސަރުކާރުން އެކަންކަން ބައްލަވާނެ ކަމަށާއި އެންއީއޯސީ މެދުވެރިކޮށް އައްޑޫސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

ކޮވިޑް 19 އާއި ގުޅިގެން ރަށްރަށަށް ބޭނުންވާ ހުރިހާ މެޑިކަލް ސާމާނު ފޯރުކޮށްދެއްވާފައިވާކަން މި ބައްދަލުވުމުގައި މިނިސްޓަރު އަމީން ޔަގީންކޮށްދެއްވިއެވެ. އަދި އައްޑޫއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް 19 ޓެސްޓް ހެދުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް މިނިސްޓަރު އަމީން ތަފްސީލުކޮށް ވިދާޅުވެދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އަދި މިކަންކަން ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ހުރިހާ ބޭފުޅުންވެސް ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.