އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

މިއަހަރު ކެންސަލް ކުރި އޯލެވެލް އިމްތިހާނު އަންނަ އަހަރުގެ މެއި، ޖޫންގައި ބާއްވަނީ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ފަސްކުރި މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނު އަންނަ އަހަރުގެ މެއި، ޖޫންގައި ބާއްވަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށް މައުލޫމާތު ދެއްވަމުުން މިނިސްޓަރު އައިޝާ ރޭ ވިދާޅުވީ، އިމްތިހާނުތަކުގެ ތާރީހުތައް ބޯޑްތަކުގެ މަޝްވަރާއާއެކު މިހާރު ބަދަލުވެފައިވާ ކަމަށެވެ.

އެގޮތުން އޯލެވެލް އިމްތިހާނު، އަންނަ އަހަރުގެ އަންނަ އަހަރުގެ މެއި/ޖޫން ގައި ނުވަތަ އެ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި ބާއްވަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭލެވެލްސް އިމްތިހާނު މިއަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"މެއި/ޖޫން ގައި އަޅުގަނޑުމެން ބާއްވަން ހަމަޖައްސާފަ އޮތް އޭލެވެސް އެގްޒާމް މިވަނީ މިއަހަރުގެ އޮކްޓޫބަރު/ނޮވެމްބަރަށް ފަސްކުރެވިފަ، އަދި އޯލެވެލް އެގްޒާމް މިއަހަރު ނޯންނާނެ ކަމަށް ވާނީ ޕަބްލިކްކޮށް އެނައުންސްކޮށްފަ، ދެން މިހާރު އަޅުގަނޑުމެން އެގްޒާމް ބޮޑީއާ ވާހަކަ ދައްކަނީ ދެން އޯލެވެން އެގްޒާމް އަޅުގަނޑުމެންނަށް ބޭއްވޭނީ ކޮން ތާރީހެއްގައިތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ، އެގްޒަމިނޭޝަން ބޯޑާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ދެ ތާރީއެއް ދީފައިވާ ކަމަށެވެ. އެއީ މިއަންނަ އަހަރުގެ މެއި/ޖޫން އާއި އެއަހަރުގެ އޮކްޓޫބަރު/ނޮވެމްބަރު ކަމަށެވެ.

އެކަމާބެހޭގޮތުން ހުރިހާ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި ބެލެނިވެރިންނާ މަޝްވަރާކުރައްވާފައިވާ ކަމަށާއި، ގިނަ ބޭފުޅުން ހުށަހަޅާފައިވަނީ، މެއި/ޖޫން ގައި އިމްތިހާނު ބާއްވަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ދެއްވާފައި އޮތީ، ދެ ތާރީއެއް އެއީ މިއަންނަ އަހަރުގެ މެއި/ޖޫން އާއި އެއަހަރުގެ އޮކްޓޫބަރު/ނޮވެމްމަރު، ދެން އަޅުގަނޑު މަޝްވަރާކުރިން ހުރިހާ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، ބެލެނިވެރިން، މަޝްވަރާކޮށްފަ ގިނަ ބޭފުޅުން މިހާރު ހުށަހަޅުއްވާފަ އޮތީ މެއި/ޖޫން އަށް، އެއީ އެހާ ގިނަ ދުވަހަށް ކުދިންތަކެއް މުޅިއަހަރު އެއްކޮށް ރިޕީޓް ނުވާނެ ކަހަލަ ގޮތަކަށް އެކުދިންނަށް ފުރުސަތުތަކެއް ދިނުމަށް ޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިމްތިހާނުތަކަށް ހާއްސަ ކޮށްގެން ދަރިވަރުންނަށް، ކިޔަވައިދިނުމުގެ މަސައްކަތް މި ރަމަޟާން މަހުގެ ފަހު ހަފުތާގައި ފެށޭނެ ކަމަށާއި، 11، 12 އަށް އިތުުރުއެހީ ފޯރުކޮށްދިނުމަށް އިތުރު ތައްޔާރތައް ވަމުން އަންނަ ކަމަށެވެ.