ޚަބަރު

އައްޑޫގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތެއް ނެތުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

އަލީ ޔާމިން

އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޝިޔާމް ފޮނުއްވި ސިޓީގައި ވަނީ ކޮވިޑް 19އާ ގުޅިގެން މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގައި މިހާތަނަށް ޓެސްޓުކުރެވޭނެ އެއްވެސް ވަސީލަތެއް ގާއިމުކުރެވިފައި ނެތުމާއި، 35،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ކޮންމެ ސާމްޕަަލެއް ނަގައިގެން ޓެސްޓު ކުރަން ފްލައިޓެއް ޗާޓަރުކޮށްގެން މާލެއަށް ގެންނަން ޖެހުމަކީ ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އައްޑޫ ސިޓީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތްކަމުގެ ޝަކުވާ އެފަރާތްތަކުން ކުރަމުންދާ ކަމަށާއި، ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި، ނަރުހުން ރަނގަޅަށް ތަމްރީންވެފައި ނެތް ކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައިނުވާތީ ކޮމިޔުނިޓީ ސްޕްރެޑަކަށް ގޮސް މީހުން ކަރަންޓީން ކުރަން ޖެހޭ ހާލަތުގައި ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީންކޮށް ފަރުވާދިނުމުގެ ރަނގަޅު ޕްލޭނެއް ނެތިއްޖެނަމަ ވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށްވެސް ޝިޔާމްގެ ސިޓީގައިވެއެވެ.

ޝިޔާމް ވިދާޅުވީ، އެ ހުރިހާ ސަބަބުތަކަށްޓަކައި އައްޑޫ ސިޓީގައި ޓެސްޓު ކުރެވޭނެ ނިޒާމު ގާއިމުކޮށް ޕީޕީއީ ހަމަކޮށްދިނުމާއެކު، ފަރުވާދިނުމުގެ ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވައި ހިންގުމަށާއި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮވިޑަށް ޓެސްޓުކޮށް ފަރުވާދެވޭނެ ނިޒާމެއް ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.