ޚަބަރު

އިންޑިއާގައި ތާށިވެފައި ތިބި 185 ދިވެހިންނާއެކު މޯލްޑިވިއަންގެ ދެވަނަ ފްލައިޓް ރާއްޖެ އަތުވެއްޖެ

ކޮވިޑް 19އާ ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އިންޑިއާގައި ތިބި 185 ދިވެހިންނާއެކު މޯލްޑިވިއަންގެ ދެވަނަ ފްލައިޓެއް މިރޭ ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާގައި ތާށިވެފައި ތިބި 235 ދިވެހިން މިއަދު ރާއްޖެ ގެންނާނެކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ. އެމީހުން ގެންނަނީ ޕަންޖާބު، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާއީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީއެވެ.

އެގޮތުން މިއަދު ހެނދުނު އިންޑިއާގެ ޓްރިވެންޑުރަމުން 50 ދިވެއްސަކު ވަނީ ގެނެސްފައެވެ.

މޯލްޑިވިއަނުން މިރޭ ބުނީ، ނިއު ދެއްލީ އަދި ޓްރިވެންޑުރަމް މާލެ – ދިއްލީ – ޓްރިވެންޑްރަމް – މާލެ ރޫޓުން ދަތުުރުކުރި އެ އެއާލައިންގެ އެއާބަސް ފްލައިޓް 185 ދިވެހިންނާއެކު މިރޭ ރާއްޖެ އައިސްފައިވާ ކަމަށެވެ.

ރާއްޖެއަށް މިއަދު ގެނައި ދިވެހިންގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް، ފުލައިޓް ކެންސަލުވި ފަރާތްތަކާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި ރިޕަޓްރިއޭޝަން ފުލައިޓުތަކުގައި އައުމަށް އެއާޕޯޓުތަކަށް ދިއުމަށް ދަތި، ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިންނެވެ.

މި އެންމެން ވެސް 14 ދުވަހުގެ މުއްތަށް ކަރަންޓީނުގައި ތިބެން ޖެހޭނެއެވެ.