ކޮވިޑް 19ގައި ހާލު ގޯސްވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހުޅުވާލުމުން އެސްޓީއޯއިން ހުށަހެޅި ތިން އަގުގެ ތެރެއިން އަގުހެޔޮ ވެންޓިލޭޓަރުތަކަކީ ސަރުކާރުން ބޭނުންވާ ވައްތަރުގެ ވެންޓިލޭޓަރެއް ނޫން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއަށް ބޭނުންވާ 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލުކުރީ ދިވެހި ދެ ކުންފުންޏަކާއި ދުބާއީގެ ކުންފުންޏަކާއެވެ. އެގޮތުން ދިވެހި ދެ ކުންފުނީގެ ތެރެއިން މެޑްޓެކް މޯލްޑިވްސްއާ 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރި އިރު، ނާޑް ކުންފުންޏާ 20 ވެންޓިލޭޓަރު ގެންނަން ވަނީ ހަވާލުކޮށްފައެވެ. އަދި 75 ވެންޓިލޭޓަރެއް ގެނައުމުގެ މަސައްކަތް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާއެއެވެ.
އެ ހުރިހާ ވެންޓިލޭޓަރެއް ވެސް ހަވާލުކުރީ އަވަސް ކުރުމުގެ ގޮތުން ބިޑްކުރުމަކާ ނުލައި، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުންނެވެ.
ނަމަވެސް އެސްޓީއޯ އިން ބުނާ ގޮތުން، ވެންޓިލޭޓަރުތައް ހޯދުމަށް އެންމެ ކުޑަ އަގު ހުށަހެޅީ އެކުންފުނިންނެވެ. އެގޮތުން އެސްޓީއޯ އިން ހެލްތު މިނިސްޓްރީއަށް ތިން މެނުފެކްޗަރެއްގެ ތިން އަގު ހުށަހަޅައިފައެވެ. އެއީ ވެންޓިލޭޓަރު އުފެއްދުމަށް ދުނިޔޭގެ އެއްވަނަ ކުންފުނި ޖެނެރަލް އިލެކްޓްރިކްގެ އަގާއި ސްވިޑަންގެ ބްރޭޑަކާއި ޖަރުމަން ބްރޭންޑެއްގެ އަގެވެ.
އޭގެ ތެރެއިން ސްވިޑަން ބްރޭންޑުގެ އަގަކީ ޔުނިޓަކަށް 206،000 ރުފިޔާއެވެ. ދެވަނަ ޖަރުމަން ބްރޭންޑުގެ އަގަކީ ޔުނިޓަކަށް 426،000 ރުފިޔާއެވެ. އަދި އެމެރިކާގެ ޖެނެރަލް އިލެކްޓްރިކްގެ އަގު ޔުނިޓަކަށް 873،000 ރުފިޔާ ހުށަހެޅިއެވެ.
ވެންޓިލޭޓަރުތައް ގެންނަން އެސްޓީއޯއާ ހަވާލުނުކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް އެކަމުގެ ސަބަބު ބަޔާންކޮށް ހެލްތު މިނިސްޓްރީން މިއަދު ވަނީ އެސްޓީއޯއަށް ސިޓީއެއް ފޮނުވައިފައެވެ. އެސިޓީގެ ކޮޕީއެއް "ވަން" އަށް ވެސް ލިބިފައިވާއިރު އެސްޓީއޯގެ އޮފިޝަލަކު ވެސް ވަނީ މިއަދު 7:00 ޖަހާކަންހާއިރު ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ފަރާތުން ސިޓީއެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ.
އެ ސިޓީގައި ބުނެފައިވަނީ، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ތިން ކުންފުޏަކުން ވެންޓިލޭޓަރުގެ އަގު ހޯދަން ހުށަހެޅީ ޔުނިވާސަލް ވެންޓިލޭޓަރު ވިތު ނިއޯނޭޓަލް އޮޕްޝަން ނުވަތަ ކުޑަކުދިންނަށް ފަރުވާ ދެވޭ ފީޗާ ހިމެނޭ ވެންޓިލޭޓަރުގެ އަގުތައް ހުށަހެޅުމަށް ކަމަށެވެ.
އެއީ ކޮވިޑް 19 ބަލީގައި އެންމެ ތުއްތު ކުދިންނަށް ވެސް ފަރުވާދޭންޖެހޭ ހާލަތުގައި ނިއޯނޭޓާލް ވެންޓިލޭޓަރުތައް ކޮންމެހެން ބޭނުންކުރަން ޖެހޭނެތީ ކަމަށާއި ނަމަވެސް އެސްޓީއޯއިން ހުށަހެޅި ތިން އަގުގެ ތެރެއިން އެންމެ އަގުހެޔޮ އަގުގައި ހިމެނޭ ވެންޓިލޭޓަރަކީ އެ ވައްތަރުގެ ވެންޓިލޭޓަރެއް ނޫން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
"އެހެންކަމުން އޮޕްޝަން 2 ގައި ހުށަހަޅުއްވާފައިވާ ތަކެއްޗަކީ މި މިނިސްޓްރީން ދީފައިވާ ޓެކްނިކަލް ރިކުއަމަންޓަށް ނުފެތޭ ތަކެތި ކަމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ވަނީ ނިންމާފައެވެ،" އެސްޓީއޯއާ ވެންޓިލޭޓަރު ގެންނަން ހަވާލުނުކުރި ސަބަބު ބަޔާންކޮށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންކަމުން އެސްޓީއޯ އިން ހުށާހެޅި އަނެއް ދެ އަގު ބަލައިނުގަތީ ދެން އަގު ހުށަހެޅި ދެ ކުންފުންޏަށްވުރެ އަގު ބޮޑުވުމުން ކަމަށް ވެސް އެސްޓީއޯއަށް ހެލްތު މިނިސްޓްރީން ފޮނުވި ސިޓީގައިވެއެވެ.
އެގޮތުން އެސްޓީއޯ އިން ހުށަހެޅި ކޯޓޭޝަންގެ ތެރެއިން ނިއޯނޭޓަލް ފީޗާ ހިމެނޭ ދެ މޮޑަލްގެ ތެރެއިން ޔުނިޓެއްގެ އަގު، 429،801 ރުފިޔާއަށް ހުށަހެޅި އަގަކީ މެޑްޓެކް އިން ހުށަހެޅި އަގަށްވުރެ ޔުނިޓަކުން 140،887 ރުފިޔާ ބޮޑު އަގެކެވެ. މެޑްޓެކުން ހުށަހަޅާފައިވާ ބެލަވިސްޓާ ބްރޭންޑުގެ ވެންޓިލޭޓަރެއް 288،914 އަށް ގެނެސްދިނުމަށެވެ. އެގޮތުން އެ ރޭޓުގައި ނިއޯނޭޓާލް ހިމެނޭ 50 ވެންޓިލޭޓަރު ގެނައުމަށް އެކުންފުންޏާ ހަވާލުކުރީ 14.44 މިލިއަން ރުފިޔާއަށެވެ.
ދެން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ނާޑު ކުންފުނިން ނިއޯނޭޓަލް ފީޗާ ހިމެނޭ ވެންޓިލޭޓަރެއް ގެނެެސްދޭން ހުށަހަޅާފައިވަނީ 351،577 ރުފިޔާއެވެ. މި އަގަކީ އެސްޓީއޯ އިން ހުށަހެޅި އަގަށްވުރެ ޔުނިޓަކުން 78،224 ރުފިޔާ ހެޔޮ އަގެކެވެ.
ހެލްތު މިނިސްޓްރީން އެސްޓީއޯއަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ގައުމުތައް ލޮކްޑައުން ކުރުމުގެ ކުރިން ހަތަރު ހޮސްޕިޓަލަކަށް ބޭނުންވާ 25 ވެންޓިލޭޓަރު ގެނައުމަށް 17 މިލިއަން ރުފިޔާއަށް މިއަހަރުގެ ޖަނަވަރީ 26 ވަނަ ދުވަހު އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ 17 ވެންޓިލޭޓަރުގެ ތެރެއިން 13 ވެންޓިލޭޓަރަކީ ނިއޯނޭޓަލް އޮޕްޝަން ނުހިމަނާ އެއްޗިއްސެވެ. އެއިން އެއްޗެއް ގެނެސްދޭން އެސްޓީއޯއާ ހަވާލުކުރީ 757،000 ރުފިޔާއަށެވެ. އެއީ ޖުމްލަ 9.68 މިލިއަން ރުފިޔާއަށެވެ. އޭގެ އިތުރުން ނިއޯނޭޓަލް އޮޕްޝަން ހިމެނޭ ޔުނިވާސަލް އަށް ވެންޓިލޭޓަރު ގެންނަން އެސްޓީއޯއާ ހަވާލުކުރީ ޔުނިޓެއް 783،000 ރުފިޔާގެ ރޭޓުން 6.26 މިލިއަން ރުފިޔާއަށެވެ. އަދި ހަތަރު ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރެއް ގެންނަން ހަވާލުކޮށްފައިވަނީ 1.28 މިލިއަން ރުފިޔާއަށެވެ. އެއީ އެއްޗެއް 322،216 ރުފިޔާގެ ރޭޓުންނެވެ.
ނަމަވެސް ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ، އެ 13 ވެންޓިލޭޓަރުގެ ތެރެއިން އެސްޓީއޯއަށް މިހާތަނަށް ރާއްޖެ ގެނެވުނީ 10 ވެންޓިލޭޓަރު ކަމަށާއި އެއީ ވެސް ނިއޯނޭޓަލް އޮޕްޝަން ނުހިމެނޭ 10 ވެންޓިލޭޓަރު ކަމަށެވެ.