ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތައް އަލުން ސިޓީ ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅައިފި އެވެ.
ސިޓީ ކައުންސިލްތަކަށް ބާރުތައް އަނބުރާ ދިނުމަށް ކަނޑައަޅާފައިވަނީ ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި އެކަމަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސިޓީ ކައުންސިލަށް އަލުން ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ބާރުތަކުގެ ތެރޭގައި، އިގްތިޞާދީ ނުވަތަ އިޖުތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި އެފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އެ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން ހިމެނެއެވެ.
އަދި އޭގެއިތުރުން އާންމުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ވަނީ ކަނޑައަޅައިފައެވެ.