ރައީސް ޔާމީން މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓޭއްގަ އެވެ.
ހަސަން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރެވިފައި ވަނީ ބޮޑެތި އަދި ނުރައްކާތެރި ތުހުމަތުތަކެއް ކަމަށެވެ. އެހެން ކަމުން އެއީ ހެކި ނައްތައިލިޔަ ނުދީ މިހާރުން މިހާރަށް ރައީސް ޔާމީން ހިފައިހައްޔަރުކޮށް ތަހުގީގު ހިންގަން ޖެހޭ ކަމަށެވެ.
ހަސަން ލަތީފު މިހެން ވިދާޅުވި އިރު، ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކޮށްދިނުމަށް އެދި މަރުކަޒީ ބޭންކް، (އެމްއެމްއޭ) އިން ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާ ތަކުން އިއްޔެ ވަނީ ރިޕޯޓު ކޮށްފަ އެވެ. އެހެން ނަމަވެސް މި ޚަބަރާ ގުޅޭ ގޮތުން އެމްއެމްއޭ އިން ވެސް އަދި ފުލުހުން ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.