ޚަބަރު

ސަރުކާރުން ހަދާ ގޯސްތަކުގެ ވާހަކަދައްކާ މީހުންގެ އަނގަ ބަންދުކުރަން އުޅުނަސް އެކަމެއް ނުވާނެ: އަދުރޭ

ސަރުކާރުން ހަދާ ގޯސްތަކާއި ސަރުކާރުގެ އިހުމާލުގެ ވާހަކަދައްކާ މީހުންގެ އަނގަ ބަންދުކުރަން އުޅުނަސް އެކަމެއް ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅު ކަމަށް އަދުރޭ ވިދާޅުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނިކޮށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު އެހެން ވިދާޅުވި އިރު، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހޯމް މިނިސްޓަރު އިމްރާން ވެސް ވަނީ ސަރުކާރުން ކުރަމުން އަންނަ ކަންތައް ބަލައިގަންނަ ކަމަށް ވިދާޅުވެ ޕީއެންސީގެ އިސް ލީޑަރަކު ގުޅުއްވި ކަމަށް ވިދާޅުވެފައެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ހަދާ ގޯސްތަކާއި ސަރުކާރުގެ އިހުމާލުގެ ވާހަކަދައްކައި އަދި ސަރުކާރު ޖަވާބުދާރީ ކުރުވާ މީހުންގެ އަނގަ ބަންދު ކުރަން އުޅުނަސް އެކަމެއް ނުވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

"ވަކި ކޮވިޑް 19އާ ގުޅިގެން ގެންގުޅޭ ސިޔާސަތެއް ނޫން. މި ސަރުކާރުގެ އެއްވެސް ސިޔާސަތެއް އަޅުގަނޑެއް ވެސް ޕީޕީއެމް/ ޕީއެންސީ އަކުން ވެސް ތައީދެއް ނުކުރަން. ވަރަށް ސާފު. ތެޅުނު ވަރަކަށް ދާނީ ހުޅުނބު. މީ ލައްކަ ވާހަކަ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު އިމްރާން ޓެގު ކުރައްވައި އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ކޮވިޑް 19ގެ މިކާރިސާއާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހުރިހާ ދާއިރާއެއްގެ ތަޖުރިބާކާރުން ދެއްވާ ލަފަޔާއި އިރުޝާދާއެކު ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

އެކަން އިދިކޮޅު ޕާޓީތަކާއި އިދިކޮޅު މެންބަރުން ވެސް ބަލައިގަންނަ ކަމަށާއި އެގޮތުން އެފަަދަ ބޮޑު ނިންމުމެއް ނިންމި ދުވަހު އިދިކޮޅު ކޯލިޝަންގެ އެންމެ އިސް ލީޑަރަކު ގުޅުއްވައި އެ ނިންމި ނިންމުން ބަލައިގަންނަ ކަމަށާއި އަދި ސަރުކާރުން މަޝްވަރާ ކުރުމަށްފަހު ނިންމާ ނިންމުންތަކަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެބޭފުޅެއް އެވާހަކަ ވިދާޅުވީ ސިއްރުން ކަމަށްވެފައި އަދި އެބޭފުޅެއް ނިސްބަތްވާ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެތީވެ ކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާނަށް ގުޅުއްވި ސިޔާސީ ލީޑަރުގެ ނަމެއް ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް އެ ސުވާލު ތަކުރާރުކޮށް ނޫސްވެރިން އަހަން ފެށުމުން މިނިސްޓަރު އަލީ ވަހީދު ވަނީ، އެއީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ދަންނަވާލަފާނަން ނަމާ އެއްކޮށް. އަޅުގަނޑުމެން އަބްދުއްރަހީމުގެ އާއިލާ ވަޑައިގަތީމަ ވެސް ބެހެއްޓީ އެންމެ ރަނގަޅު ފެސިލިޓީގައި. އަދި އެކަމަށް ގުޅައި ޝުކުރު ވެސް އަދާކުރެއްވި. އަދި ވިދާޅުވި ތިމަންނަމެން ގަބޫލުކުރާ ގޮތުގައި ގުޅާލާއިރަށް ފޯނުވެސް ނަގައޭ. ތިމަންނަމެން ވަރަށް ހިތްހަމަޖެހެއޭ. އެހެންވީމަ ނަމެއް ބޭނުންވަންޏާ މި ދަންނަވާލީ." މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.