ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރިސޯޓުތަކުގައި މަސައްކަތްކުރާ 30 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑަށް ފަރުވާދިނުމަށް ނިކުންނަނީ

ރިސޯޓުތަކުގައި މަސައްކަތްކުރާ 30 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑަށް ފަރުވާދިނުމަށް ނިކުންނަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، އިތުރު ޑޮކްޓަރުންނާއި ނަރުހުންގެ ބޭނުން ޖެހުމާއި ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން 30 އަށްވުރެ ގިނަ ބޭފުޅުން އިސްނަގާފައިވާ ކަމަށެވެ.

އެބޭފުޅުން އަންނަ ހަފްތާގައި ނެޝަނަލް ޓާސްކު ފޯހާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިިވުމަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ސިއްހީ ޕްރޮފެޝަނަލުން ރާއްޖެ ގެނައުމުގެ މަސައްކަތް މިދިޔަ މާޗް މަހުން ފެށިގެން ސަރުކާރުން ދަނީ ކުރަމުންނެވެ.

އެގޮތުން ބަންގުލަދޭޝް އާއި ނޭޕާލް އަދި ފިލިޕީންސްގައި ތިބި ގިނަ އަދަދެއްގެ މެޑިކަލް ދަރިވަރުން ވަނީ ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްފައެވެ.

ނަމަވެސް ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިދިޔަ މަހު ވިދާޅުވި ގޮތުން ރާއްޖޭގައި ބަލި ފެތުރުން އިތުރުވެ، ޕީކަށް ހިނގައްޖެނަމަ އެކަމަށް ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުންނެއް ނެތެވެ.

އެގޮތުން މިވަގުތު ރާއްޖޭގައި ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މަބްރޫކު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ 55 އިންސައްތަ ކޮވިޑް 19 އަށް ހާއްސަ ކުރުމެވެ. އަދި މާލެއަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ބޭނުންވެއްޖެ ނަމަ އަތޮޅު ތެރޭގައި ތިބި ނަރުހުންނާއި ޑޮކްޓަރުން ވެސް ގެންނާނެ ކަމަށް ވިދާޅުވިއެވެ.