ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ނިއު ނޯމަލްގައި ބޯޑަރު ހުޅުވާލާއިރު ވެލާނާ އެއާޕޯޓް ނޫން އެއާޕޯޓެއް ފުރަތަމަ ބޭނުންކުރަން ހުށަހަޅައިފި

ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ފަތުރުވެރީންނަށް ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަން އެއާޕޯޓް ނޫން އެއާޕޯޓެއް ފުރަތަމަ ބޭނުންކުރަން ފަށަން ޓޫރިޒަމް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ ހުށަހަޅައިފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވޭނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ޖުލައި މަހާއި އޮކްޓޯބަރު މަހާ ދެމެދު ކަމަށެވެ.

އެކަމަށްޓަކައި މިދިޔަ މާޗް މަހުގެ މެދުތެރޭގައި ރާއްޖެ ގެނައި ބޭރުގެ ތަޖުރިބާކާރުންގެ ޓީމުގެ އެހީތެރިކަމާއެކު ތައްޔާރުކުރި ސޭފްޓީ ސްޓޭންޑަޑް ކަރުދާސް ރައީސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އެކަންތައްތައް އިކޮނޮމިކް ކައުންސިލްގެ މަޝްވަރާއަށްފަހު ޓޫރިޒަމް އިންޑަސްޓްރީއާ ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވިދާޅުވީ، އެ ކަރުދާހުގައި ކުރިއަށްދާނެ ފޭސްތަކެއް އޮންނާނެ ކަމަށާއި އެގޮތުން ފުރަތަމަ ފޭސްގައި ރާއްޖޭގެ ހާލަތަށް ބަލައި ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ބަދަލުގައި އެހެން އެއާޕޯޓެއް ބޭނުން ކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ޖެޓް ނުވަތަ ޗާޓަރު ފްލައިޓުތައް ގެނެވޭނީ ކިހިނެތްތޯ އާއި އެ ފްލައިޓުތައް ޖެންސޭ ފެންވަރުގެ ރަންވޭއެއް އޮތް އެއާޕޯޓްތައް ބަލައި އަދި އެފަދަ އެއާޕޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަނބުރާ ރަށަށް ނުގޮސް، އެތަނެއްގައި ކަރަންޓީނު ވެގެން ތިބެވޭނެ ގޮތެއް ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު އެއާޕޯޓަކަށް އަންނަ ފަތުރުވެރިންނަކީ ކޮވިޑް ޓެސްޓު ހެދި، ނެގެޓިވް ވެގެން އަންނަ ފަތުރުވެރިންނަށް ހެދުމަށާއި އަދި އެމީހުން ގެންދާ ރިސޯޓްތަކުގައި ޕީޕީއީ އާއި މެޑިކަލް ފެސިލިޓީތައް ހުންނަން ޖެހޭނެ ގޮތުގެ އިތުރުން ރިސޯޓަށް ފަތުރުވެރިން ދޫކޮށްލުމުގެ ކުރިން ކަރަންޓީނުކޮށް އަލުން ޓެސްޓު ހަދައި، ޓެސްޓުގެ ނަތީޖާ ނެގެޓިވްތޯ ކަށަވަރު ކުރުން ފަދަ ކަންކަން ވެސް ކަރުދާހުގައި ހިމަނާފައިވާނެ ކަމަށެވެ.