ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ނިއު ނޯމަލްގެ މިންގަނޑު ރައީސް އޮފީހަށް ފޮނުވައިފި، ތައްޔާރުވާން ރިސޯޓުތަކަށް 30 ދުވަސް ލިބޭނެ

އަލީ ޔާމިން

ނިއު ނޯމަލްގައިރާއްޖޭގެ ބޯޑަރުތައް ހުޅުވައިލާން ބޭނުންވާ މިންގަނޑު ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ކަމަށާއި އެ މިންގަނޑުތަކަށް ތައްޔާރުވާން ރިސޯޓުތަކަށް 30 ދުވަސް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑު 19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، އަލުން އެ އިންޑަސްޓްރީގެ މަސައްކަތް ފަށާއިރު ރަނގަޅު ކުރަން ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި މި ދަނޑިވަޅަކީ އެކަންކަން ރަނގަޅު ކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލަން ބޭނުންވާ މިންގަނޑު ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ކަމަށާއި އެ މިންގަނޑުތަކުގައިވާ ގޮތަށް ތައްޔާރުވުމަށް ރިސޯޓުތަކަށް އެއްމަސް ދުވަސް ލިބިގެންދާނެ ކަމަށެވެ.

"ރިސޯޓުތަކަށް ލިބޭނެ 30 ދުވަހުގެ މުއްދަތެއް މިކަމަށް ތައްޔާރުވާން. އަޅަން ޖެހޭ ސޭފްޓީ މެޝާސްއާއި އެނޫންވެސް ކަންކަން ކުރުމަށް،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑުގެ ރާއްޖޭގެ ހާލަތަށް ބަލާ އިރު މި ވަގުތަށް އޮތް އެންމެ ރަނގަޅު "ސިނޭރިއޯ" ގައި ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެނީ އަންނަ ޖުލައި މަހު ކަމަށެވެ. މީގެ އިތުރުން ދެވަނަ އަށް ލަފާ ކުރާ "ސިނޭރިއޯ" ގައި ރާއްޖެ ޓޫރިޒަމަށް ހުޅުވައިލާނެ ކަމަށް ބެލެވެނީ، އޮކްޓޫބަރު މަހު އެވެ. އެންމެ ވޯސްޓް "ސިނޭރިއޯ"ގައި މިއަހަރު އެއްވެސް ވަަރަކަށް ރާއްޖެއަށް ފަތުރުވެރިންނެއް ނާންނާނެއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ގައުމު ހިންގުމަށް ބޯޑަރުތައް ހުޅުވާލަން ޖެހޭ ކަމަށާއި ކޮވިޑުގެ ހާލަތުން އަރައިގަނެވުނުހާ އަވަހަކަށް ސިއްހީ މާހިރުންގެ ލަފާގެ މަތިން އެކަން ކުރެވިގެންދާނެ ކަމަށެވެ.