އަލީ ޔާމިން
މި ވަގުތުވެސް ރާއްޖެއަށް އަންނަން ޓޫރިސްޓުން ބޭނުންވާ ކަމަށާއި ބޯޑަރު ހުޅުވައިދޭން ވެސް ތަކުރާރުކޮށް އެދެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ބޯޑަރުތައް މިއަދު ހުޅުވާލިޔަސް ރާއްޖެއަށް އައުމަށް ތައްޔާރަށް އެތަކެއް ފަތުރުވެރިންނެއް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ޗާޓަރު ފްލައިޓުތަކުންނާއި ޖެޓުތަކުގައި ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖެއަށް މިއަދުވެސް ޓޫރިސްޓުން އަންނަ ބޭނުންވޭ. އަޅުގަނޑުމެން މިނިސްޓްރީއަށް މިވަގުތުވެސް ރިކުއެސްޓްތައް އައިސްފައި އެބަހުރި އަރަބި ގައުމުތަކުގައިވެސް 2000 އަށްވުރެ ގިނައިން. މިހެން އެބައާދޭ ރިކުއެސްޓް ބޯޑަރު ހުޅުވާދޭން ރާއްޖެ އަންނަން އަދި ކަރަންޓީންވާންވެސް. މާނައަކީ ހަ މަސް ދުވަހު ކޮޓަރި ހިފައިގެން ތިބެންވިޔަސް ތިބެންވެގެން ރިކުއެސްޓްތައް އެބައާދޭ. އޭގެ އިތުރުން ޗާޓާ ފްލައިޓުތަކުވެސް ޖެޓްތަކުގައި އަންނަންވެސް އެބަ ރިކުއެސްޓް އާދޭ." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާރު އަޅައިފައިވާ ފިޔަވަޅުތައް އެގޮތުގައި ތަންފީޒުކުރެއްވިއްޖެ ނަމަ ޖުލައި މަހުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލެވި ރާއްޖެއަށް ފަތުރުވެރިން ގެނެވިދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެއަށްވުރެ ހާލަތު ގޯސްނަމަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަތުރުވެރިން ގެނެވޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެ ވޯސްޓް ކޭސް ސިނާރިއޯގައި މިއަހަރު ރާއްޖެއަށް އެއްވެސް ފަތުރުވެރިއެއް ނާންނާނެ ކަމަށާއި، އެހާލަތަށް ގޮސްފިނަމަ މާލީ ގޮތުން ބޮޑު ނިކަމެތިކަމެއް އިގުތިސޯދަށް ކުރިމަތިވާނެ ކަމަށެވެ.