ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ސަރުކާރާއި މަޓީއާ ދެމެދު މައްސަލައެއް ނެތް، މަޓީން އަންނަނީ ސަރުކާރަށް ފުރިހަމަޔަށް އެއްބާރުލުން ދެމުން: މިނިސްޓަރު

އަލީ ޔާމިން

ސަރުކާރާއި މަޓީއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކޮވިޑާއި ގުޅުން ހުރި ކަންކަމުގައި ވެސް މަޓީން އަންނަނީ ސަރުކާރަށް ފުރިހަމަޔަށް އެއްބާރުލުން ދެމުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މަޓީން މީގެ ކުރިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ އެއްވެސް މަސައްކަތެއްގައި މަޓީގެ ލަފާ ސަރުކާރުން ހޯދައިފައިނުވާ ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވާއިރު، ކޮވިޑުގެ ހާލަތުން އަރައިގަނެވުމުން، ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކުގައި ފުރިހަމައަށް މަޝްވަރާކުރާނެ ކަމަށާއި މިހާރުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަޓީއާވެސް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށާއި މަޓީއާއި ސަރުކާރާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"މަޓީއާއި އަޅުގަނޑުމެން މިހާރުވެސް މިކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭ. އެ ބޭފުޅުންނާއި ސަރުކާރާ ދެމެދު ހަގީގަތުގައި އެއްވެސް މައްސަލައެއް ނެތް. ނަމަވެސް ބައެއް ކަންކަމުގައި ހިޔާލުތަފާތުވުން ހުރުމަކީ އެއީ އަޅުގަނޑުމެންވެސް ބަލައިގަންނަން ޖެހޭނެ ކަމެއް. އެއީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާރު އަޅައިފައިވާ ފިޔަވަޅުތަކާއެކު ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.