އެންމެ ރަނގަޅަށް ކަންކަން ގޮސްފި ނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ޓޫރިޒަމް ހުޅުވައިލެވޭނެ ކަމަށާއި އެހެން ނޫން ނަމަ ހުޅުވައި ލެވޭނީ އޮކްޓޯބަރުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދު ވިދާޅުވެއްޖެ އެވެ.
އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ސަރުކާރުގެ ފޯކަސް ހުރީ ކޮވިޑްގެ ކަންކަން ކޮންޓްރޯލްކޮށް މިކަމުން އަރައިގަތުމަށް ކަމަށެވެ. އަދި ކަންކަން ރަނގަޅަށް ދާނަމަ ދެ ހަފްތާ އާއި ހަ ހަފްތާތެރޭ ބަލި ކޮންޓްރޯލު ކުރެވި، އެހެން ގައުމުތަކުގައި ލޮކްޑައުން ލުއިކުރި ފަދައިން ކަންކަން ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބެސްޓް ކޭސް ސިނާރިއޯއެއްގައި މިހާލަތު ލުއި ކުރެވި، ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށައިގަނެވޭނެ ކަމަށް ބެލެވެނީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. އަދި މޮޑަރޭޓް ސިނާރިއޯއެއްގައި ބަލި ފެތުރޭ މިންވަރު ބެލުމަށްފަހު، ބަލި ކޮންޓްރޯލު ކުރުމަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށައިގަނެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ ކުއާޓަރުގެ ފަހުކޮޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އޮކްޓޯބަރު މަހުގެތެރޭގައެވެ.
މިއީ މިވަގުތުގެ ފޯކާސްޓު ދައްކާގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށައިގަތުމަށް ހަދާނެ އުސޫލުތަކާއި ގުޅޭ އިކޮނިމިކް ކައުންސިލްގެ ޕޭޕަރެއް މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ރައީސް އޮފީހުގެ ލަފާގެ މަތިން މި ޕޭޕަރު ދާއިރާގެ މީހުންނާއި ހިއްސާ ކުރާނެ ކަމަށާއި، އަލުން ދާއިރާ ފަށައިގަންނާނީ ދާއިރާގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލުން ފަތުރުވެރިކަމުގެ ދާއިރާ ފަށައިގަތުމަށް ކުރަންޖެހޭ ކަންކަން ލޮކްޑައުން ލުއިކުރި ގައުމުތަކަށް ބަލައި ދެނެގަނެފައިވާ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވަމުން އަންނަނީ އެގައުމުތަކުން މިސާލު ނަގައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަންކަން ކުރިއަށް ގެންދާނެ ވަކި ފޭސްތަކެއް ކަނޑައަޅަފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ބޯޑަރު ހުޅުވަން ބޭނުންވާ ބަޔަކު އެބަތިބި ކަމަށާއި، ހަމަ އެފަދައިން ބޯޑަރު ހުޅުވަން ބޭނުން ނުވާ ބަޔަކުވެސް އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ވިސްނަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށްފަހު ނޫނީ އަލުން ބޯޑަރު ހުޅުވައި ނުލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބޯޑަރު ހުޅުވާލާ ކަމަށްވާނަމަ، ބޯޑަރު ހުޅުވާލާނީ ވިޔަފާރިވެރިންނަށްޓަކައި ނޫން ކަމަށާއި، އެކަން ކުރާނީ ރައްޔިތުންނަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.