ޚަބަރު

މާލޭން ފުރައިގެން ރަށްރަށަށް ދާން 5000 މީހުން ނަންނޯޓު ކޮށްފި

މަރިޔަމް ޝަހުދާ

ލޮކްޑައުންގައި މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރޭން މާލޭން ފުރައިގެން ރަށްރަށަށް ދާން 5000 ވަރަކަށް މީހުން ނަންނޯޓު ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށަށް ދިއުމުގެ ކުރިން އައިސޮލޭޓް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރިސޯޓުތަކުން 500 ކޮޓަރި ލިބިފައިވާ ކަމަށެވެ. އަދި މާލޭގައި ތާށިވެފައި ތިބި މީހުން ބެހެއްޓުމަށް ހުޅުމާލޭގެ އެކި ގެސްޓްހައުސް ތަކުން 500 ކޮޓަރި ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުން އަނބުރާ ރަށަށް ދިއުމަށް ރިކުއެސްޓު ކޮށްފައިވާ ކަމަށާއި އަދި އެމީހުން އަނބުރާ ރަށަށް ގެންދިއުމުގައި ގެންގުޅޭ ހާއްސަ އުސޫލު މިހާރު އާންމު ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މި މީހުން ރަށަށް ގެންދާނީ މެނޭޖްޑް ތަނެއްގައި 14 ދުވަހު ކަރަންޓީނު ކުރުމަށްފަހު، ކޮވިޑް 19އަށް ޓެސްޓުކޮށް، އެ ޓެސްޓު ނެގެޓިވް ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓު މުވައްޒަފުންގެ ތެރެއިން 153 މީހެއް މާލޭގައި ތާށިވުމުގެ ސަބަބުން މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން 97 މީހެއް މިހާރު 14 ދުވަހަށް ކަރަންޓީނު ފެސިލިޓީތަކަށް ގެންދެވިފައިވާ ކަމަށާއި އެ މުއްދަތު ނިމުމުން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު އެމީހެއްގެ ރަށަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރު 56 މީހެއް އަދިވެސް މާލޭގައި ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި މިބަލި މިގޮތަށް އޮއްވައި ރަށްރަށަށް ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. ނަމަވެސް މާލޭގައި ތިބި މީހުން ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ކުރަނީ ޒަރޫރީ ހާލަތްތައް ކުރިމަތިވެފައި ތިބި އެތަކެއް ރައްޔިތުންނެއް މާލޭގައި ތާށިވެފައި ތިބުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ކަންކަން ކުރިއަށްގެންދާނީ ސައްހަ ލިސްޓެއްގެ މަތިން، ލޯކަލް ކައުންސިލްތަކާ ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.