ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް ދާއިރާއިން 20 ހާސް އެން 95 މާސްކާއި 5000 ސޫޓު އިއްޔެ ރާއްޖެއަށް ގެނެވިއްޖެ: އަލީ ވަހީދު

މަރިޔަމް ޝަހުދާ

ޓޫރިޒަމް ދާއިރާއިން ގެންނަން ނިންމި ތަކެތީގެ ތެރެއިން 20 ހާސް އެން95 މާސްކާއި 5000 ސޫޓު އިއްޔެ ރާއްޖެއަށް ގެނެވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް 19ގެ ކަންކަމަށް ބޭނުންވާ ސާމާނުގެ ތެރެއިން ޓުއަރިޒަމް މިނިސްޓްރީން ގެނައި 20 ހާސް އެން95 މާސްކާއި 5000 ހެޒްމަޓް ސޫޓުގެ މައިގަނޑު ޝިޕްމަންޓް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އިތުރު ސާމާނު ރާއްޖެ ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުގެ ހާލަތާ ގުޅިގެން މިނިސްޓްރީން ގެނައުމަށް ބޭނުންވި ސާމާނު މިހާރު ގެނެވިފައިވާ ކަމަށާއު މިނިސްޓްރީގެ ފަރާތުން އެންޑީއެމްއޭއާ ބައި މިލިއަން މާސްކް ހަވާލުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި މާސްކުތައް މިހާރު ބޭނުން ކުރެވެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ދުނިޔެއަށް ކޮވިޑް 19 ފެތުރެން ފެށި އިރު މިނިސްޓްރީން ރާއްޖެ ގެނައި ތާމަލް ކެމެރާގެ ތެރެއިން ހަތަރު ކެމެރާއެއް އެމްއެންޑީއެފަށް އަދި ހަތަރު ކެމެރާއެއް ފުލުހުންނަށް ހަދިޔާ ކޮށްފައިވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ފުލުހުންނާއި ސިފައިންގެ އިދާރާގެ ސެކިއުރިޓީ ކަންކަން ވަރުގަދަކޮށް، ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް 19ގެ ކަންކަމަށް ބޭނުންވާ އިތުރު ރިސޯސްތައް ފަތުރުވެރިކަމުގެ ދާއިރާއިން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ބޭނުންވެއްޖެ ހާލަތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުން އިތުރު ވެހިކަލްތަކާއި އިތުރު ރިސޯޓުތައް ފޯރުކޮށްދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުން 3000 އަށްވުރެ ގިނަ ކޮޓަރި، ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުން ތިބުމަށް އެލޮކޭޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓު މުވައްޒަފުންގެ ތެރެއިން 153 މީހެއް މާލޭގައި ތާށިވުމުގެ ސަބަބުން މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން 97 މީހެއް މިހާރު 14 ދުވަހަށް ކަރަންޓީނު ފެސިލިޓީތަކަށް ގެންދެވިފައިވާ ކަމަށާއި، އެ މުއްދަތު ނިމުމުން އެމީހެއްގެ ރަށަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.