ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ވިލިވަރު ފެސިލިޓީ މިމަހު 17 ގައި މީހުން ވެއްދޭނެ: އަލީ ވަހީދު

މަރިޔަމް ޝަހުދާ

ވިލިވަރު ފެސިލިޓީއަށް މިމަހު 17 ގައި މީހުން ވެއްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމަވުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގަައި ކޮވިޑް 19ގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ ދުވަސްތަކުގައި ކުރިމަތިވާނެ ސާޖުގައި މީހުން އައިސޮލޭޓް ކުރުމަށް ތައްޔާރުވެވިފައިވާ ކަމަށެވެ.

އެގޮތުން މި ސާޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސޮލޭޓް ކުރެވޭނެ ފެސިލިޓީ ގާއިމުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހިންގެ އިތުރުން ބިދޭސީން އައިސޮލޭޓް ކުރުމަށް ކުރަން ޖެހޭ ކަންކަންވެސް ވަނީ ވަގުތަށް ނިންމޭނެ ހާލަތެއްގައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ވިލިވަރުގައި ހަދަމުން އަންނަ 200 މީހުންގެ ޖާގައިގެ އައިސޮލޭޝަން ފެސިލިޓީގެ މަސައްކަތް މިމަހު 17އަށް މީހުން ވެއްދޭވަރަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިމަހުގެ 16ގައި އެ ފެސިލިޓީއަށް އެޗްއާރުސީއެމް އާއި މީޑިއާ ގެންގޮސް އެތަނުގެ ހާލަތު ދެއްކުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ދުވަސްވަރުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލޮކްޑައުންގެ ހާލަތުގައި އިތުރަށް ދަތިވާނެ ފިޔަވަޅެއް ނާޅާނެ ކަމަށާއި، މިހާރުވެސް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.