ކޮވިޑް 19 އާ ގުޅިގެން، އެންމެ ގިނަ ބަލި މީހުން ފެންނަ ދުވަސްތަކުގެ ތެރެޔަށް ކުރިޔަށް މިއޮތް ދެތިން ދުވަސްތެރޭ ރާއްޖެ ވަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާތަކަކީ ކޯވިޑް 19 ގެ އެންމެ ނުރައްކާތެރި ދުވަސްތައްކަމަށް ވާއިރު އެދުވަސްތަކަށް ސަރުކާރުންވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން އިތުރު އައިސޮލޭޝަން ފެސިލިޓީތަކުގެ ބޭނުން ޖެހޭއިރަށް މިހާރު ގާއިމްކުރަމުން އަންނަ ތަންތަން ނިމޭނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން ހުޅުމާލެ ހިޔާ ފެސިލިޓީގެ އިތުރުން، އާއްމުންނާ ގުޅިގެން ސިފައިން ގާއިމް ކުރަމުން އަންނަ ފެސިލިޓީއާއި، 200 ބިދޭސީންނަށް އަމާޒުކޮށްގެން ވިލިވަރުގައި ގާއިމްކުރާ ފެސލިޓީވެސް އެތަންތަނުގެ ބޭނުންކުރަން ޖެހޭއިރަށް ނިމޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މިނސިްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެސިލިޓީތަކަށް މީހުން ގެންދިއުމަށްވެސް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން، ހުޅަނގު މޫސުން ފެށޭއިރު، ދުރުގައިވާ ފެސިލީޓިތަކަށް ކަނޑުމަގުން މީހުން ނުގެންދެވޭ ނަމަ ވައިގެމަގުން މީހުން ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފެސިލިޓީތަކަށް ބަލާއިރު މިނިސްޓަރު ވިދާޅުވީ، މިހާރުވެސް ކުރީސަފުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ބަޔަކު ކަރަންޓީންކޮށް އައިސޮލޭޓް ކުރަން ޖެހިއްޖެ ހާލަތެއްގައި އެމީހު ގެންދިއުމަށް 1000 ވުރެ ގިނަ އެނދު ތައްޔާރު ކޮށްފައިވާ ކަމަށެވެ.
ކުރިއަށް އޮތް 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައިވެސް ބަލި ނުރައްކާވެދާނެ ކަމަށް ބަލައި ގިނަ ފެސިލިޓީތައް ހޯދައި ތައްޔާރުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ އެންމެހައި ކަންކަން ދަތި ނުވާނޭ ގޮތަކަށް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން، ކޮވިޑް ޕީކަށް އަރާ މި ދުވަސްތަކުގައި، ލޮކްޑައުން އިތުރަށް ހަރުކަށިކޮށް، ރައްޔިތުންނަށް އިތުރަށް ދަތިވާނެ، ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ނުވާނެ ކަމަށެވެ.
ނަމަވެސް މިހާރު މިއޮތް ހާލަތު ދިގުދެމިގެންދާނެ ކަމަށާއި، މިހާލަތަށް ހުރިހާ ރައްޔިތުންވެސް އިތުރަށް ސަމާލުވެ ރައްކާތެރިކަމާއިއެކު ކަންކަން ބައްޓަން ކޮށް އެއްބައިވަންތަކަމާއެކު އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޓޫރިޒަމް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ، ބަލި ރާއްޖެއަށް ކުރިމަތިލާ އެންމެ އުނދަގޫ މިހާލަތުގައިވެސް ސަރުކާރުގެ މައިގަނޑު ފޯކަސް ހުރީ މިހާލަތު މެނޭޖްކޮށް މިހާލަތުން އަރައިގަތުމަށް ކަމަށެވެ.
އެ ފިޔަވަޅުތަކާއެކު، ކަންކަން ރަނގަޅަށް ގޮސްފިނަމަ ދެހަފްތާ އާއި ހަ ހަފްތާއާ ދޭތެރޭ ބަލި ކޮންޓްރޯލް ކުރެވި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މަޑުމަޑުން ރިލީސްކުރެވުނު ގޮތަށް މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ރާއްޖޭގައި ވެސް ރިލީސް ކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިބަލީގެ ނުރައްކާ އެންމެ ބޮޑީ ދުވަސްވީ މީހުންނަށް ކަމަށްވާތީ، މާމައިންނާއި ކާފައިން ގެތަކުގައި ހުރި ކޮޓަރި ތަކުގައި އަމިއްލައަށް އައިސޮލޭޓް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.