ޚަބަރު

ރަށްރަށަށް މުދާ އުފުލަން ހާއްސަ ފެރީތަކެއް ބާއްވަން އެމްޓީސީސީން ތައްޔާރުވަނީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމުގައި ދަތިތަކެއް ދިމާވެފައިވާތީ އަތޮޅު ކައުންސިލްތަކާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މުދާ އުފުލުމަށް ހާއްސަ ފެރީތަކެއް ބާއްވަން ނިންމައިފިއެވެ.

ލޯކަލް ގަވަނަންސް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މުދާ އުފުލުމަށް ހާއްސަ ފެރީތަކެއް ބާއްވަން އަތޮޅު ކައުންސިލާއި އެމްޓީސީސީއަށް ހުއްދަ ދީފައެވެ. އެ އޮތޯރިޓީން ބުނީ ރަށްރަށަށް މުދާ އުފުލުމުގައި މުދާ އަރުވައި ބޭލުމުގެ މަސައްކަތް ކުރާނީ ކައުންސިލްތަކާއި އެ ރަށެއްގެ ޓާސްކް ފޯހާ މަޝްވަރާކުރުމަށް ފަހު އެކުލަވައިލާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

އެހެންކަމުން މި ދަތުރުތަކަކީ އެލްޖީއޭ އާއި އަތޮޅު ކައުންސިލްތަކާއި އެމްޓީސީސީން ގުޅިގެން ބާއްވާ ދަތުރުތަކަށްވާ އިރު އެއްވެސް ރަށަކުން ފެރީ ކައިރި ކުރުމަށާއި ފުރުމުގެ ހުއްދަ ނުދީ ނުހިފެހެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން މި ދަތުރުތަކަށް "ވުނަ ޕޯޓަލް" މެދުވެރިކޮށް ހުއްދަ ހޯދާކަށް ވެސް ނުޖެހޭނެއެވެ. އަދި މިގޮތަށް ކުރާ ދަތުރުތަކުގައި އެއްވެސް ޕެސެންޖަރަކު ގެންދިއުމާއި ގެނައުމަކީ ވެސް މަނާ ކަމެއް ކަމަށް އެލްޖީއޭއިން ބުންޏެވެ.

މީގެކުރިން އެމްޓީސީސީން ޝެޑިއުލްކޮށް ކުރަމުން އައި ދަތުރުތައް ކޮވިޑް 19 ފެތުރެން ފެށުމާއެކު ވަނީ ހުއްޓާލައިފައެވެ. އަދި އެކުންފުނީގެ ބައެއް އުޅަނދުތައް ވަނީ ކޮވިޑް އާ ގުޅިގެން ބަލި މީހުން އުފުލުމަށް ބޭނުން ކުރަން ފަށައިފައެވެ.