ސޫޖީއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބުއިމެކެވެ. އެގޮތުން ތިރީގައި އެވަނީ ސޫޖީ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެއްޗާއި، ސޫޖީ ތައްޔާރުކުރާނެ ގޮތެވެ.
ސޫޖީ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
1/2 ޖޯޑު ކަނަމަދު (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ހިކި މޭބިސްކަދުރު
1 ޖޯޑު ފިޔާ (ތުނިތުނިކޮށް ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ސެމޮލީނާ (ސޫޖީ)
2 މޭޒުމަތީ ސަމުސާ ގިތެޔޮ
1/2 ދަޅު ގެރިކިރު (ކޮންމެ ވައްތަރެއްގެ ގެރިކިރެއްވެސް ރަނގަޅުވާނެ)
6 ޖޯޑު ފެން
5 ކާފުރުތޮޅި
ކުޑަ ހަކުރުކޮޅެއް (ފޮނިވާ ވަރަށް)
2 ރާނބާފަތް (1/2 އިންޗި އެތިކޮޅު ކޮޅަށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
3 ފޮނިތޮށި ކޮޅު
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ގިތެޔޮކޮޅާއި، ފިޔާ އަދި ރާނބާފަތް އެޅުމަށް ފަހު މަޑުގިނީގައި މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ހިކި މޭބިސްކަދުރު، ކާފުރުތޮޅި، ފޮނިތޮށި އަދި ކަނަމަދުކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެ ހުރިހާ އެއްޗެއް މީރުވަންދެން ކެއްކުމަށްފަހު އޭގެ ތެރެއަށް ސެމޮލީނާ އަޅައި މަޑުގިނީގައި ދެތިން މިނެޓު ކައްކާލާށެވެ. ދެން ހަކުރާއި ފެންއަޅާނީއެވެ. ފެނުގެ ތެރެއަށް ހަކުރު އެއްކޮށް ގިރުމުން އޭގެ ތެރެއަށް ގެރިކިރުއަޅައި ގިރަގިރާ ދިހަ ވަރަކަށް މިނެޓު ބަހައްޓާށެވެ. ހުރިހާ އެއްޗެއް ކެކެން ފެށުމުން ވެނީލާ އެސެންސް އެޅުމަށް ފަހު އެއްކޮށްލައި، މަޑުގިނީގައި ދެމިނެޓެއްހާއިރު ކައްކާލާށެވެ. އޭރުން އެހުރީ ސޫޖީ ތައްޔާރުވެފައެވެ.