ސިޔާސީ ޕާޓީއެއްގެ މައްޗަށް ސާބިތުވާ ދަރަންޏެއް އޮވެ އެ ފައިސާ ނުދައްކައިފި ނަމަ، އެޕާޓީއަކަށް ދައުލަތުން ދޭ ފައިސާއިން އެ އަދަދު އުނިކުރާގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖި ލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އެ ބިލު މަޖިލީހުން ބޭރުކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 54 މެމްބަރުންގެ ތެރެއިން 37 މެމްބަރުން އެ ބިލާ ދެކޮޅަށް ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 17 މެމްބަރުންނެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.
އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުން އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާ ނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި ފަރާތްތައް ކަމަށެވެ.
ޕާޓީ ހިންގުމުގައި އާއި ޕާޓީން ހިންގާ އެއްވެސް ހަރަކާތަކާ ގުޅިގެން މާލީ އަދި ޖިނާއީ އިލްތިޒާމެއް އުފުލަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ އެންމެހައި ޒިންމާއެއް އުފުލަން ވާނީ އެފަދަ ކަމެއް މެދުވެރިވުމުގެ ސަބަބު އުފަންވިއިރު، ޕާޓީ ހިންގަން ތިބި މީހުން ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.