އަލީ ޔާމިން
ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު ތިބޭނީ ބޮޑެތި ކުށްތަައް ކޮށްފައިވާ މީހުންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިމް ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިޔުއެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު ތިބޭނީ ބޮޑެތި ކުށްތައް ކޮށްފައިވާ ކުށްވެރީން ކަމަށާއި، ކުދި ކުށްތައް ކޮށްފައިވާ މީހުން މިހާރު އެއްވެސް ވަރަކަށް ހައްޔަރުގައި ނުތިބޭނެ ކަމަށެވެ.
"ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ހިމެނޭ މީހުން އަޅުގަނޑުމެން ޝަރުތުތަކާއެކު ވާނީ ދޫކޮށްލައިފައި. ކުދި ކުށްތަކުތައި ޝަރީއަތްތައް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން މިހާރު އެއްވެސް ވަރަށް ނުތިބޭނެ" ޕީޖީ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގެ (ކޮވިޑް 19ގެ) ނާޖާއިޒު ފައިދާ ނަގައިގެން ކުށްވެރީންނަށް ކުށްކުރުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި، އެފަދަ ކަންކަން ފުލުހުން ވަރަށް ރަނގަޅަށް ބަަލަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ޝަރީއަތްތައް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޮންލައިންކޮށް، ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ބައެއް ކޯޓުތަކުން ފަށާފައިވާ ކަމަށާއި، އެއާއެކު ޝަރީއަތްތައް ކުރިއަށްދާލެއް އަވަސްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.