ރައްކާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ރޭ ނެރުނު ބަޔާނުގައި ބުނީ ކޮވިޑަށް ޕޮޒިޓިވް ވި އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ ޕޮޒިޓިވްވި މުވައްޒަފުންނަކީ އެ ހޮސްޕިޓަލުގެ ހުޅުމާލޭ އެކޮމޮޑޭޝަންގައި ތިބޭ މީހުން ކަމަށާއި އެ ބްލޮކުގައި 40 އަށް ވުރެ ގިނަ މުވައްޒަފުން ދިރިއުޅޭ ކަމަށެވެ.
އޭޑީކޭއިން ބުނީ އެ މުވައްޒަފުން ބައްޔަށް ޕޮޒިޓްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އެތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރައްޔިތުންނަށް ރައްކާތެރިކަމާއެކު ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ.
"ހޮސްޕިޓަލުގެ އެތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހީވާގިކަމާއި ހިތްވަރާއެކު މުވައްޒަފުން ދައްކަމުންދާ ނަމޫނާ އާއި އެކު ރައްޔިތުންގެ ހިދުމަތުގައި އޭޑީކޭ ހޮސްޕިޓަލް، މާތްﷲގެ ވާގިފުޅާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން" އޭޑީކޭން ބުނެފައި ވެއެވެ.
އޭޑީކޭން ބުނީ އެ ހޮސްޕިޓަލުގެ 12 މުވައްޒަފުންނަށް ބަލި ޖެހުނީ ހޮސްޕިޓަލުގެ ބޭރުން ކަމަށް ބެލެވޭ ކަމަށެވެ.