ޚަބަރު

ވެންޓިލޭޓަރުތައް ގެނައުމަށް މެޑްޓެކްއާ ހަވާލުކުރީ އެސްޓީއޯއިން ހުށަހެޅި އަގަށްވުރެ ބޮޑު އަގަކަށް

ކޮވިޑް 19ގައި ހާލު ގޯސްވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖެ ގެންނަ ވެންޓިލޭޓަރުތައް ހޯދުމަށް މެޑްޓެކްއާ ހަވާލުކޮށްފައިވަނީ އެސްޓީއޯއިން ހުށަހެޅި އަގަށްވުރެ ބޮޑު އަގެއްގައި "ވަން"އަށް ކަށަވަރުވެއްޖެއެވެ.

އެސްޓީއޯގެ އޮފިޝަލަކު ވަނީ "ވަން"އާ އެކުންފުނިން ހުށަހެޅި އަގުތައް ހިއްސާކޮށްދެއްވައިފައެވެ. އެސްޓީއޯ އިން ހެލްތު މިނިސްޓްރީއަށް ހުށަހެޅީ ތިން މެނުފެކްޗަރެއްގެ ތިން އަގު ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެސްޓީއޯ އިން ހުށަހެޅީ ވެންޓިލޭޓަރު އުފެއްދުމަށް ދުނިޔޭގެ އެއްވަނަ ކުންފުނި ޖެނެރަލް އިލެކްޓްރިކްގެ އަގާއި ސްވިޑަންގެ ބްރޭޑަކާއި ޖަރުމަން ބްރޭންޑެއްގެ އަގެވެ.

ސްވިޑަން ބްރޭންޑުގެ އަގު ޔުނިޓަކަށް 206،000 ރުފިޔާ އަރާ އިރު، ޑެލިވަރީގެ މުއްދަތަކީ 30 ދުވަހާއި 45 ދުވަހުގެ މުއްދަތެކެވެ. ޖަރުމަން ބްރޭންޑުގެ އަގަކީ ޔުނިޓަކަށް 426،000 ރުފިޔާއެވެ. އެ ބްރޭންޑުގެ ޑެލިވަރީގެ މުއްދަތަކީ 15 ދުވަހާއި 20 ދުވަހުގެ މުއްދަތެކެވެ. އަދި އެމެރިކާގެ ޖެނެރަލް އިލެކްޓްރިކްގެ އަގު ޔުނިޓަކަށް 873،000 ރުފިޔާ އަރާ އިރު، ޑެލިވަރީގެ މުއްދަތަކީ 65 ދުވަހާއި 80 ދުވަހުގެ މުއްދަތެކެވެ.

މެޑްޓެކުން ގެންނަ 50 ވެންޓިލޭޓަރުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. އެ ކުންފުނިން އެ ވެންޓިލޭޓަރުތައް ގެނެސްފައިމިވަނީ 50 ދުވަހުންނެވެ. އަދި ބާކީ 32 ވެންޓިލޭޓަރު ގެނެވޭނެ މުއްދަތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ވެންޓިލޭޓަރު ގެނައުމަށް ބީލަމަށް ނުލައި ހެލްތު މިނިސްޓްރީން ވަނީ ތިން ކުންފުންޏެއްގެ އަގު ހޯދައިފައެވެ. ވެންޓިލޭޓަރު ގެނައުމަށް މެޑްޓެކްއާ ހަވާލުކުރީ 14.4 މިލިއަން ރުފިޔާއަށެވެ. މެޑްޓެކުން ވެންޓިލޭޓަރު ގެންނަނީ ޔުނިޓަކަށް 288،914 ރުފިޔާގެ ރޭޓުންނެވެ. އެއީ އެސްޓީއޯ އިން ހުށަހެޅި ސްވިޑަން ބްރޭންޑުގެ ވެންޓިލޭޓަރަށްވުރެ 82،914 ރުފިޔާ ބޮޑު އަގެކެވެ.

މެޑްޓެކްއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމަށް އެސްޓީއޯއާ ހަވާލުނުކުރީ އެސްޓީއޯ އިން ހުށަހެޅި ވެންޓިލޭޓަރުތަކަކީ އައިސީޔޫ ވެންޓިލޭޓަރުތަކަށް ނުވުމުންނެވެ.

އެކަމާ ގުޅޭގޮތުން އެސްޓީއޯގެ އޮފިޝަލު ވިދާޅުވީ އެސްޓީއޯ އިން ވެސް ހުށަހެޅީ އައިސީޔޫ ވެންޓިލޭޓަރު ގެނެސްދިނުމަށް ކަމަށެވެ. އަދި އެސްޓީއޯއާ ހަވާލުނުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ހެލްތު މިނިސްޓްރީން އަންގާފައިނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.