އުރީދޫ އާއި ޔޫއެންޑީޕީ މޯލްޑިވްސް އަދި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި "މިޔަހެލި" ސޯޝަލް އިނޮވޭޝަން ކޭމްޕް ނިންމާލައިފި އެވެ.
ތިން ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ޒުވާނުންގެ ހިޔާލުތައް އެއްތަނަކަށް ގެންގޮސްދީގެން، ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް ހައްލުތަކެއް ހޯދަން މަސައްކުރުމަށް ބޭއްވި ކޭމްޕެކެވެ.
މި އަހަރުގެ މިޔަހެލި ކޭމްޕް ހާއްސަކޮށްފައިވަނީ ކޮވިޑު 19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކުގެ މައްޗަށެވެ.
އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި، ކޮވިޑުގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކަށް އެހީވެވޭނެ ގޮތްތަކާއި، ސިއްހީ ދާއިރާއަށް އެހީވެވޭނެ ގޮތްތަކާމެދު ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.
މުޅި ރާއްޖެ އިން 70 މެމްބަރުން މި ކޭމްޕުގައި ބައިވެރިވި އިރު 11 ހިޔާލުގެ މައްޗަށް ޕްރޮޕޯސަލެއް ވަނީ ހުށަހަޅައިފަ އެވެ. މި ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ހިޔާލެއް ވަނީ ޖަޖުންގެ ޕެނަލުން ހޮވާފައެވެ.