މެލޭޝިއާގައި ދިރިއުޅޭ ދިވެހިރައްޔިތުންގެ ތެރެއިން މެރަނާސް ސްކީމްގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ޑޮކްޓަރަށް ދެއްކުމުގައި ލުއިތަކެއް ދޭން އާސަންދަ ކުންފުނިން ނިންމައިފި އެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މީގެ ކުރިން މެރަނާސް ސްކީމްގައި އެކުންފުނިން ހިދުމަތް ދެމުންދިޔައި ރަޖިސްޓްރީ ކޮށްފައިވާ ވަކި ހޮސްޕިޓަލްތަކަކުން ނަމަވެސް، ކޮވިޑް 19 އާގުޅިގެން މެލޭޝިއާގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ތެރެއިން އެމީހަކު ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރަށް ވުރެ ދުރަށް ދިއުން މަނާ ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މިހާލަތުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެކުންފުނިން ލިސްޓްކޮށްފައިވާ މަރުކަޒުތަކަށް ދިއުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭތީ، މެލޭޝިއާގައި ދިވެހިން ދިރިއުޅޭ ސްޓޭޓް ތަކުގެ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަކީ މެރަނާސް ސްކީމްގެ ދަށުން ހިދުމަތް ހޯދިދާނެ ތަންތަން ކަމުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މެރަނާސް ސްކީމްގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެމީހަކު ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރުގެ ސަރަހައްދެއްގައި މެރަނާސް ސްކީމްގެ ދަށުން ހިދުމަތް ދިނުމަށް އެންލިސްޓް ކޮށްފައިވާ ހޮސްޕިޓަލެއް ނުވަތަ ކްލިނިކެއް ނެތް ނަމަ، ބޭނުންވާ ހިދުމަތް ރަނގަޅު އަގެއްގައި ލިބެން ހުރި ސިއްހީ ހިދުމަތްދޭ އެހެން މަރުކަޒަކުން ހިދުމަތް ހޯދައި، ހިދުމަތް ހޯދިކަން އެނގޭނެ ލިޔުންތަކާއެކު ބިލްތައް އެކުންފުންޏަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.